މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި އިންޑަސްޓްރީ ޕާޓްނަރުން ގުޅިގެން ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ރާއްޖޭން ފަތުރުވެރިންނަށް ލިބެންހުރި ޑައިވް އެޑްވެންޗަރތައް އޭޝިއާގެ އެންމެ ބޮޑު ޑައިވް އިވެންޓް، އެޑެކްސް 2022 ގައި ޕްރޮމޯޓްކުރަން ފަށައިފިއެވެ.

މި ހަރަކާތް ކުރިޔަށްދަނީ ސިންގަޕޫރުގެ ސޭންޑްސް އެންޑް ކޮންވެންޝަން ސެންޓަރުގައި މިމަހުގެ 16 އިން 17ގެ ނިޔަލަށެވެ.

26 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އެޑެކްސްއަކީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތަކަށް ކުރިޔަށްގެންގޮސްފައިވާ ޑައިވް އެކްސްޕޯއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ވީއައިޕީންނާއި، ސްޕީކަރުންނާއި، ސައިންސްވެރިންގެެ އިތުރުން ކަނޑުގެ ކޮންޒަވޭޝަނިސްޓުންނާއި، ކަނޑު އަޑީގެ ޕޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން އަދި، ދާއިރާއާއި ގުޅުހުން ހުރި އެހެނިހެން ފަރާތްތައްވެސް މި ހަރަކާތުގައި ބައިވެރިވެއެވެ. އަދި މިއީ ޑައިވް އޮޕަރޭޓަރުންނާއި، އިކުއިޕްމެންޓް އުފައްދާ ފަރާތްތަކާއި، ގައުމީ ޓޫރިޒަމް ބޯޑުތައް ފަދަ އެކިއެކި އެގްޒިބިޓަރުން ބައިވެރިވާ ހަރަކާތެެކެވެ.

އެޑެކްސް 2022 ގައި ބައިވެރިވުމަކީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް، ދެކުނު އިރުމަތީ އޭޝިއަގެ ބާޡާރުގައި ޕްރިމިއާ އަދި އެންމެ މަގުްބޫލު ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަންޒިލް ދެމެހެއްޓުމަށް މަގުފަހިކޮށްދޭނެކަމެއްކަމަށް އެމްއެމްޕީއާރްްސީން ބުނެެއެވެ. އަދި މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ޑައިވް ސެގްމަންޓު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ފަތުރުވެރިންވެސް ހިމެނޭގޮތަށް ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް އެހީތެރިވެދޭނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މި އިވެންޓުގައި ބައިވެރިވެފައި މިވަނީ ރާއްޖޭގެ އެކި ސެގްމެންޓުތައް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި އިވެންޓްގައި، 6 ކުންފުންޏެއްގެ 11 ބައިވެރިން އެމްއެމްޕީއާރުސީއާއެކު މި އިވެންޓުގައި ބައިވެރިވެ، އެފަރާތްތަކުގެ ޑައިވްއާ ގުޅުންހުރި އުފެއްދުންތަކާއި ހިދުމަތްތައް ޕްރޮމޯޓްކުރަމުންދާނެއެވެ.

މި އިވެންޓްގައި، އެމްއެމްޕީއާރުސީން ޑައިވިންއަށް ހާއްސަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ ޕްރޮމޯޓުކޮށް، ރާއްޖޭގެ އުފެއްދުންތަކާއިރިސޯޓްތަކާއި، ހޮޓަލްތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑްތަކާއި، ތަފާތު ތަޖުރިބާތައް، ހާއްސަކޮށް ޑައިވް އަދި ވޯޓާ ސްޕޯޓްސްއާ ގުޅޭ ތަޖުރިބާތަކާއި، ކަނޑުއަޑީގެ ރީތިކަން ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނާއި މާކެޓްކުރާނެއެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ދެކުނުއިރުމަތީ އޭޝިއާ މާކެޓުން 18،489 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެމްއެމްޕީއާރުސީން މި މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު، މީގެތެރޭގައި ސްޓޭކްހޯލްޑަރުންނާއެކު ހިންގާ ޖޮއިންޓް މާކެޓިންގ ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއަރތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ-ލާނިންގ ޕްރޮގްރާމްތަކާއި އެހެނިހެން އިވެންޓްތައް ހިމެނެއެވެ.