ފަތުރުވެރިން ރާއްޖޭގައި މިހާރު އެވްރެޖްކޮށް 8 ދުވަސް ހޭދަކުރާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ފަތުރުވެރިން މިހާރު 8.2 ދުވަސް ހޭދަކުރާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 8.7 ގައެވެ. އަދި 2020 ވަަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު 7.2ގައި ހުރިއިރު 2019 ވަނަ އަހަރު ހުރީ 6.3 ގައެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،130،035 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު ރާއްޖެއަށް 150،748 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ މަހުގައެވެ. އެމަހު 149،008 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭޕްރީލް މަހު 145،280 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

2022 ވަނަ އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އިންޑިއާއިންނެވެ. އެއީ 160،099 ފަތުރުވެރިންނާއެކު ޒިޔާރަތްކުރި ފަތުރުވެރިންގެ 14.2 އިންސައްތައެވެ. 132،704 ފަތުރުވެރިންނާއެކު ދެވަނާގައި އޮތީ ރަޝިއާއެވެ. އެއީ 11.7 އިންސައްތައެވެ. އަދި ތިން ވަނާގައި އޮތް އިނގިރޭސިވިލާތް ހިއްސާކުރަނީ 11.3 އިންސައްތައެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގައި ދެން ހިމެނެނީ ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސްގެ އިތުރުން ސައުދީ އަރަބިއްޔާ، ސްޕެއިން އަދި ސްވިޒަލޭންޑެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،188 ތަނަކަށް ވަނީ ހުއްދަ ދީފައެެވެ. މީގެތެރެއިން މިހާރު ފަތުރުވެރިންނަށް ހިދުމަތްދެމުންދަނީ 1،182 ތަނަކުންނެވެ. އެއީ 164 ރިސޯޓާއި، 863 ގެސްޓްހައުސްގެ އިތުރުން 115 ސަފާރީއެވެ.

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ޖުމްލަ 1،182 ތަނެއް އޮޕަރޭޓްކުރަމުންދާއިރު، މިއީ 58،467 ބެޑް ކެޕޭސިޓީއެވެ. ބެޑް ކެޕޭސިޓީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓްތަކުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،130،035އަށް އަރާފައިވާއިރު، ސަރުކާރުން އަންދާޒާކުރާގޮތުގައި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެއެވެ.