އިސްރާއީލާއި ޗިލީއާ ދެމެދު ފެށުނު ސިޔާސީ އަރާރުން އިތުރަށް ހޫނުވާން ފަށައިފިއެވެ.

މައްސަލަ ޖެހުނީ، އިސްރާއީލުން ޗިލީއަށް ކަނޑައެޅި އައު އެމްބަސެޑަރާ ބައްދަލު ކުރުމަށާއި، އޭނާގެ ސަފީރުކަމުގެ ފަތްކޮޅާ ހަވާލުވުމަށް ޗިލީގެ ރައީސް ގެބްރިއަލް ބޮރިޗް ދެކޮޅު ހެއްދެވުމުންނެވެ.

އިސްރާއީލުން ޗިލީއަށް ކަނޑައެޅި އައު އެމްބަސެޑަރު ގިލް އާޒޭލީގެ ފަތްކޮޅު ހަވާލުކުރުން އަންނަ އޮކްޓޫބަރަށް ފަސްކުރުމަށް، ޗިލީގެ ރައީސް ނިންމަވާފައިވާކަން ޗިލީ ސަރުކާރުގެ ޚާރިޖީ ވަޒީރު އެންޓޯނިއާ އުރެހޮލާ، އިސްރާއީލުގެ އެމްބަސެޑަރަށް އެންގެވީ ބުރާސްފަތި ދުވަހު ކަމަށް ވެއެވެ.

އިސްރާއީލުގެ އައު އެމްބަސެޑަރު، ޗިލީގެ ރައީސަށް ފަތްކޮޅު އެރުވުމަށް ހަމަޖެހިފައި އޮތީވެސް ބުރާސްފަތި ދުވަހުއެވެ.

އިސްރާއީލުގެ އެމްބަސެޑަރާ އެދުވަހު ބައްދަލު ނުކުރެއްވުމަށް ޗިލީގެ ރައީސް ނިންމެވި ސަބަބެއް ކަމަށް އިސްރާއީލުގެ އެމްބަސެޑަރަށް ޗިލީގެ ޚާރިޖިއްޔާއިން އެންގީ، އެ ދުވަހު ހުޅަނގު އައްސޭރީގެ ކުފްރް ދާންގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ 17 އަހަރުގެ ކުއްޖެއްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. މިއީ، އިސްރާއީލު ސިފައިން މިއަހަރު ފެށުނުފަހުން ޝަހީދުކޮށްލި ފަލަސްތީނުގެ 149 ވަނަ މީހާއެވެ.

އުމުރުން 17 އަހަރުގެ ކުއްޖާ ޝަހީދުކޮށްލި މައްސަލާގައި އިސްރާއީލުގެ އެމްބަސެޑަރާ ބައްދަލުކުރުން ފަސްކުރުމާއި، ފަތްކޮޅާ ހަވާލުވެވަޑައި ގަތުން ޗިލީގެ ރައީށް ފަސްކުރުމުން އިސްރާއީލުން ގެންދަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ރައްދުގައި އިސްރާއީލުންވަނީ، އިސްރާއީލުގައި ހުންނަވާ ޗިލީގެ އެމްބަސެޑަރ ޚާރިޖިއްޔާއަށް ހާޟިރުކޮށް މައްސަލަ ޖައްސާފައެވެ. އަދި ޗިލީގެ ރައީސްގެ އަމަލުތަކާމެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފައި ވެއެވެ.

އިސްރާއީލުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗިލީގެ މި އަމަލަކީ ދެގައުމުގެ ގުޅުމަށް ސީރިއަސް ގެއްލުންތަކެއް ލިބޭނޭ ކަމެއް ކަމަށެވެ.

ޗިލީގެ ރައީސްގެ ނިންމެވުމަށް ފަލަސްތީނު ސަރުކާރުންވަނީ ހޫނު މަރްހަބާއެއް ކިޔާފައެވެ. އަދި ފަލަސްތީނުގެ އާންމުންވެސް ގެންދަނީ ސޯޝަލް މީޑިއާގައި ޗިލީގެ ރައީސަށް ތައުރީފް ކުރަމުންނެވެ.

ފަލަސްތީނު ޚާރިޖީ ވަޒީރުގެ މުޝީރެއް ކަމަށްވާ އަހްމަދު އަލްދީކް ވިދާޅުވީ، އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވުމަށް އިސްރާއީލަށް ޕްރެޝަރ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޗިލީގެ ރައީސްގެ ނިންމެވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކުގެ ތެރެއިން އެޅުއްވި ފިޔަވަޅެއް ކަމަށްވެސް ފަލަސްތީނުން ބުނެފައި ވެއެވެ.

ޗިލީގެ ރައީސް ގެބްރިއަލް ބޮރިޗް، ދޭތެރެ ދޭތެރެއިން އިސްރާއީލާއި، އަދި އިސްރާއީލު ސިފައިން ފަލަސްތީނުގެ ރަށްތަކުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅަށް ވާހަކަފުޅު ދައްކަވައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރަށްތަކަށް ހަމަލާދިނުމާއި، ކުޑަކުދިންނާއި، އަންހެނުން ޝަހީދުކުރާ ކުރުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި، ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ވާހަކަ ދައްކަވައެވެ.

ގެބްރިއަލް ބޮރިޗް ޗިލީގެ ރައީސްކަމާ ހަވާލުވެވަޑައި ގެންފައިވަނީ މިއަހަރުގެ މާޗްމަހުއެވެ.