މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކަށް ކައުންސިލުން 35 ކަމެއް ހުށަހަޅާފައިވާ ކަމަށް ގދ.ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ ނައިބު ރައީސް މިހެން ވިދާޅުވީ މިއަހަރު މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެގޮތާ ބެހޭގޮތުން ފިޝަރީޒްް މިނިސްޓަރ ޑރ.ހުސެއިން ހަސަން ފަރެސްމާތޮޑާގެ މަސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރެއްވުމާ ގުޅިގެން ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަސްރުﷲ ވިދާޅުވީ މަސްވެރިންގެ ދުވަހު ރަށުގައި ކުރިއަށްގެންދަން ބޭނުންވާ 35 ކަމެއް މިނިސްޓަރާ ހިއްސާކުރެއްވި ކަމަށާއި އޭގެ ތެރެއިން ސީދާ ވަކިކަމެއް ކުރަން އަދި ނިންމާފައިނުވާ ކަމަށެވެ.
ކައުންސިލުން ހުށަހެޅި ކަންކަމަށް ރިޢާޔަތް ކުރުމަށް ފަހު ވަކި ގޮތެއް އަންގާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ.
އަދި ކުރެވުނު މަޝްވަރާގެ ތެރޭގައި ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަހެއް ކުލަގަދަކޮށް ފާހަގަކުރެވޭނެ ގޮތްތަކާއި، ރަށުގެ ތަރައްގީއާ ގުޅުން ހުރި މުހިންމު ކަންކަން ހިމެނޭ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
ނަސްރުﷲ ވިދާޅުވީ އިގްތިސާދީ ގޮތުން ވަރަށް ބޮޑު ކުރިއެރުންތަކެއް މިކަމުގެ ސަބަބުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ރަށުގެ މަސްވެރިންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ހަމަޖެއްސެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރައްވަމުންނެވެ. އެންމެފަހުން 2021 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ.ގާފަރުގައި ކަމުގައިވާތީ މި ހިނގާ 2022 ވަނަ އަހަރު ފާހަގަކުރާ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހުޅުވައިލީ ދެކުނުގެ ރަށްތަކަށެވެ.