ކޮމަންވެލްތު އޮފް ލަރނިންގ (ކޮލް) އާއި އަތަބަސްކާ ޔުނިވަރސިޓީ (އޭޔޫ) ގުޅިގެން ކެނެޑާގެ ކެލްގަރީގައި ބާއްވާ ދިހަވަނަ ޕެން-ކޮމަންވެލްތު ފޯރަމް އޮން އޯޕަން ލަރނިންގގައި މިނިސްޓަރ ޑރ.އާއިޝަތު އަލީ ބައިވެރިވެވަޑައިގެންފިއެވެ.

މި ފޯރަމް ޖުރިއަށްދާނީ މިމަހުގެ 14 އިން 16އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރުގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ފޯރަމަކީ ކޮންމެ ތިން އަހަރަކުން އެއް އަހަރު ބާއްވާ ފޯރަމެކެވެ. މި ފޯރަމަކީ ތަޢުލީމީ ވަސީލަތްތައް ފުޅާކޮށް، ޑިޖިޓަލް ފަރަގު ނައްތާލައި، މުޖުތަމަޢުތަކާއި ގައުމުތަކުގެ އިޖްތިމާޢީ އަދި އިގްތިސާދީ ތަރައްގީ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ބާއްވާ ފޯރަމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޢުޟޫޢުގައި މައިގަނޑުކޮށް އަލިއަޅުވާލާފައިވަނީ ތަރައްގީވަމުން އަންނަ ގައުމުތަކާ ގުޅުން ހުރި މައުޟޫޢުތަކަށާއި، އެ ގައުމުތަކުގެ ޕްރެކްޓިޝަނަރުންގެ ބައިވެރިވުމާ ގުޅޭގޮތުން ކަމަށެވެ.

މިފަހަރުގެ ޕްރެޒެންޓޭޝަންތަކާއި މަޝްވަރާތައް ހަތަރު ސަބްތީމްގެ ވަށައިގެން ވަނީ ގްރޫޕްކޮށްފައެވެ. އެއީ ރެސިލިއަންސް ބިނާކުރުމާއި، އުމުރު ދުވަހަށް އުނގަންނައިދިނުން ކުރިއެރުވުމާއި، އައު އީޖާދުތަކަށް ހިތްވަރުދިނުމާއި، އިކުއިޓީ އާއި ޝާމިލުވުން ކުރިއެރުވުމެވެ.

މި ފޯރަމްގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. އޭނާއަކީ 2014 ވަނަ އަހަރުން ފެށިގެން ބަސެލް، ރޮޓަޑަމް އަދި ސްޓޮކްހޯމް މުއާހަދާތަކުގެ އެގްޒެކެޓިވް ސެކްރެޓަރީއެވެ. އަދި ސީޝެލްސްގެ ކުރީގެ މިނިސްޓަރ ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީކަންވެސް ކުރެއްވި ބޭފުޅެކެވެ.

އަދި ކޮމަންވެލްތް އޮފް ލަރނިންގ (ސީ.އޯ.އެލް)ގެ ރައީސް އަދި ސީ.އީ.އޯ ޕްރޮފެސަރ އާޝާ ކަންވާރު އިސްވެ ހުންނަވައިގެން "ޓްރާންސްފޯމިންގ އެޑިޔުކޭޝަން ފޮރ ކްލައިމެޓް ޗޭންޖް"ގެ ދެވަނަ ޕީސީއެފް 10 ޕެނަލް ޑިސްކަޝަންގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފޯރަމްގެ ތިންވަނަ ދުވަހުގެ ތެރޭގައި މިނިސްޓަރ އާއި ޑެޕިއުޓީ މިނިސްޓަރ މުޖާހިދު ވަނީ ޕީ.ސީ.އެފް 10 ގައި އޮތް ސްޕެޝަލް މިނިސްޓީރިއަލް ރައުންޑްޓޭބަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ފައެވެ. އެއީ #PCF10 މަރުޙަލާއިން ލިބޭ ފިލާވަޅުތަކާމެދު ވިސްނައި، ކެލްގަރީގެ ބަޔާނުގައި އިތުރަށް ހިމަނާފައިވާ ކަންކަމަށް ލަފާދިނުމަށް ލިބުނު ފުރުސަތެކެވެ.

މިނިސްޓްރީން ބުނީ ކޮމަންވެލްތުގެ 9 އެޑިޔުކޭޝަން މިނިސްޓަރުން މި ރައުންޑްޓޭބަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މިނިސްޓަރުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާނީ 19 ސެޕްޓެންބަރު 2022 ގައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.