ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ އަލިގަދަ އެއްތަރި އަދި މި އިންޑަސްޓްރީގެ ރާނީގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ މަރިޔަމް ނިޝާ، ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

މިކަން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވަނީ ވީނިއުސް އަށް ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާ ގުޅިގެން "ވީނިއުސް" އާއި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ، ޖުމްހޫރީ ޕާޓީ އާއިއެކު ނިޝާ ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަމުންދާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި، ރަސްމީކޮށް ޕާޓީއަށް ސޮއިކުރީ މިއަދު ކަމަށެވެ.

ޖުމްހޫރީ ޕާޓީ އާއި ގުޅުމަށް ނިޝާ ނިންމުމުން އަލީ ވަނީ މަރުޚަބާ ދަންނަވާ، ޖޭޕީ އަކީ ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެންމެ ފަހި ފުރުސަތު އޮތް ޕާޓީކަމަށް ވިދާޅުވެފައެވެ.

އަދި ޖުމްހޫރީ ޕާޓީ އަކީ ފަންނުވެރިންނާއި، ތައުލީމީ ޤާބިލް މީހުންނަށް އަބަދުވެސް ފުރުސަތު ދޭނެ ޕާޓީއެއް ކަމަށާއި، ކެރިގެން މަސައްކަތްކުރާނަމަ ޖޭޕީ ގައި ކޮންމެ މީހަކަށްވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެކަން އަލީ ހާމަކުރެއްވިއެވެ.

އެގޮތުން ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ވަލީދާ ވަލީދު އަކީވެސް މި ދާއިރާއަށް ޝައުގުވެރިކަން އުފެދި ފެށި މަސައްކަތުގެ ތެރެއިން، އެތައް ކުރިއެރުންތަކެއް ހޯދާ، މިއަދު ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާގެ މަގާމުގައި ހުންނެވި ފަރާތްކަން އަލީ ފާހަގަކުރެއްވިއެވެ. އަދި ވަލީދާ އަކީ މިއަދު މިސަރުކާރުގެ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރުކަންވ އަލީ ފާހަގަކުރެއްވިއެވެ.

ނިޝާ ޖުމްހޫރީ ޕާޓީ އާއި ގުޅި، އެ ޕާޓީއަށް ވަނުމަށް އެދި ހުށަހެޅި ފޯމާއި ހަވާލުވެވަޑައިގަތީ ވަލީދާ އަދި ޕާޓީގެ ނައިބު ރައީސް އަހްމަދު ސައީދު އެވެ.

ޖުމްހޫރީ ޕާޓީ އާއިއެކު މަސައްކަތް ކުރުމުގެ ވިސްނުމުގައި ނިޝާ އެ ޕާޓީ އާއި ގުޅުނުއިރު، މިއީ ޖުމްހޫރީ ޕާޓީން ސިޔާސީ މައިދާނުގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތެރޭގައި އެޕާޓީގެ ގޮފިތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޕާޓީ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އަމަލީގޮތުން ނިޝާ ބައިވެރިވާނެކަމަށް އިސް ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ޖުމްހޫރީ ޕާޓީ އާއި ގިނަ އަދަދެއްގެ ބަޔަކު ގުޅެމުން އަންނަ ދުވަސްވަރަކަށް ވާއިރު، ނިޝާ އެކޭ އެއްފަދައިން ޕާޓީ އާއި ގުޅި، ޕާޓީ ކުރިއެރުވުމަށް މަސައްކަތްކުރާ ކޮންމެ މެމްބަރަކަށްވެސް މި ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެމަގު ކޮށައިދޭނެކަމަށް އަލީ ވިދާޅުވިއެވެ.