ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަން އިއްޔެ ނިންމާލާއިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 16 އިން 17 ސެޕްޓްންބަރުގެ ނިޔަލަށް ހުޅުމާލޭގެ ދެވެނަ ފިޔަވަހީގެ ސައިކްލިން ޓްރެކްގައެވެ.

ދިރާގުން ބުނީ، މިއަހަރުގެ ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ 100 އިންސައްތަ ގްރީން އެނަރޖީ އިވެންޓް ކަމަށެވެ. އަދި މި ހަރަކާތުގައި ބޭނުންކުރެވުނު ކަރަންޓު ނެގިފައިވަނީ އިރުގެ އަލިން ހަކަތަ އުފައްދާ، ޕޯޓަބަލް ޕަވަރ ސްޓޭޝަންތަކުން ކަމަށްވެސް ދިރާގުން ބުނެއެެވެ.

32 ސްކޫލުން 1000 އަށްވުރެ ގިނަ ދުއްވުންތެރިން މި އިވެންޓްގައި ބައިވެރިވެފައިވާ އިރު، މީގެތެރެއިން 450 އަށްވުރެ ގިނަ ކުޑަކުދިން ވަނީ އެއް ކިލޯމީޓަރުގެ ފަން ރައިޑްގައި ބައިވެރިވެފައެވެ.

ފަން ރައިޑްގެ ހުރިހާ ބައިވެރިންނަށްވެސް މެޑަލް ދީފައިވެއެވެ. ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ މި އިވެންޓްގެ ޝަރަފުވެރި މެހެމާނު އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތެއްކަމުގައިވާ އިބްރާހިމް އިސްމާއިލް އާއި ދިރާގު ބްރޭންޑް އެމްބެސެޑަރ ހަސަން ސާއިދުގެ އިތުރުން ދިރާގާއި ބައިކް މޯލްޑިވްސްގެ އިސް ބޭފުޅުންނެވެ.

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ޕޮލިސް ސަރވިސަސް، އެމްޓީސީސީ، އެރޯސޯލްޓްސް، ޗޮޕާޓް މޯލްޑިވްސް އަދި އިލާ މޯލްޑިވްސް ހިމެނެއެވެ.

މީގެއިތުރުން، މި މުބާރާތުގެ ތިންވަނަ އެޑިޝަންގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިހަފްތާގެ ފަހުކޮޅުގަ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ، މި މުބާރާތުގައި ވާދަކުރާ ކޮންމެ ވާދަވެރި ކެޓަގަރީއަކުން، ތިން ޗެމްޕިއަން ޓީމް ހޮވާނެ ކަމަށެވެ. މީގެއިތުރުން ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލެއް ވެސް ހޮވާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް ކަމަށް އެކުންފުންނިން ބުނެއެވެ.