ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސައިޓްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދު މެންދުރުފަހު ނައިބު ރައީސް ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރަމުންދާ ފެމިލީ ކްލިނިކަށް ވަޑައިގެންފައެވެ.

އަދި ހުޅުމާލެގައި "ވޯލްޑްކަޕް 2022" ގެ މެޗްތައް އާންމުންނަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ހަމަޖެހިފައިވާ ތަންތަން އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. ހަމަ އެއާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި ބިނާކުރަމުންދާ މެންޓަލް ހެލްތް ސެންޓަރަށްވެސް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވައިފައެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހުޅުމާލެ ބްރާންޗަށް ދޫކޮށްފައިވާ ބިމުގެ ސަރަޙައްދަށާއި، ހުޅުމާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ހުޅުމާލެ ސައިޓަށާއި، ހެވީ ވެހިކަލް ޕާކިންގ ސައިޓަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި އެންމެ ކައިރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބަސް ސްޓޭޝަންއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ހިނގަމުންދާގޮތް ވެސް ނައިބު ރައީސް ވަނީ ބައްލަވާލައްވާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފެމިލީ ކްލިނިކް ހެދުމަށް ހުޅުމާލެ ހޮސްޕިޓަލަށް، ހިޔާ ޓަވަރު އެޗް16، ގްރައުންޑް ފްލޯއިން 3456.18 އަކަފޫޓު ހަވާލުކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

ހުޅުމާލެ ހޮސްޕިޓަލާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބައެއް މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީއަށް ބޭނުންވާ ސިއްހީ ޚިދުމަތްތަކާއި ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ޤައުމީ ސިއްހީ ސިޔާސަތުތަކާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ދުޅަހެޔޮ މާޙައުލެއް ޤާއިމުކުރުމެވެ.

ރައީސް އޮފީހުން ބުނީ، ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުމަށް ތައްޔާރުވަމުންދާ މެންޓަލް ހެލްތް ސެންޓަރު ހުޅުވުމުން، މިހާރަށްވުރެ ފުޅާދާއިރާއެއްގައި މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.