ޔޫކްރެއިން ސިފައިން މިފަހުން ރަޝިޔާ ސިފައިންނަށް ދިން ރައްދު ހަމަލާތައް ވަރުގަދަ ވެފައި، ގެއްލުންތައް ބޮޑުވި ނަމަވެސް ރަޝިޔާގެ ޕްލޭނަކަށް ބަދަލެއް ނާންނާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، އުޒްބަކިސްތާނުގައި ބޭއްވި ސަމިޓެއްގައެވެ.

މިއީ، ޔޫކްރެއިންގެ ޚަރްކީވް ސަރަހައްދަށް ވަރުގަދަ ރައްދު ހަމަލާތަކެއްދީ، ރަޝިޔާ ސިފައިން ހިފައިގެންތިބި ބައެއް ސަރަހައްދުތައް ޔޫކްރެއިން ސިފައިން މިދިޔަ ހަފްތާގައި އަތުލި މައްސަލާގައި ޕޫޓިން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ޕޫޓިން ވިދާޅުވީ، ރަޝިޔާއިން އަވަސް އަރުވާލައިގެން ނޫޅޭ ކަމަށެވެ.

ރަޝިޔާ ސިފައިން ޑޮންބަސް ރީޖަންގައި ކުރިއަށްގެންދާ އޮޕަރޭޝަން ޕްލޭނާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އެގައުމުގެ އަސްކަރިއްޔާ ފުރިހަމަ ބާރާއެކު ނެރެފައި ނުވާކަންވެސް ޕޫޓިން ފާހަގަ ކުރެއްވިއެވެ.

"ޑޮންބަސް ރީޖަންގައި އަޅުގަނޑުމެން ކުރިއަށްގެންދާ އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. އަވަސް އަރުވާލައިގެނެއް ނޫޅެން. ސިފައިން ދަނީ މަޑުމަޑުން އިތުރު ސަރަހައްދުތައް ހިފަމުން. އަޅުގަނޑު ހަނދުމަކޮށްދެން. ރަޝިޔާ ސިފައިން ފުރިހަމަ ބާރާއެކު ހަނގުރާމައެއް ނުކުރޭ"
ރަޝިޔާގެ ރައީސް ޕޫޓިން

ރަޝިޔާއިން ޔޫކްރެއިނަށް އެރި މައިގަނޑު އެއް ބޭނުމެއް ކަމަށް ޕޫޓިން އޭރު ވިދާޅުވެފައިވަނީ، ޑޮންބަސް ރީޖަންއެވެ. އެއީ، އެ ސަރަހައްދުގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަ ދައްކާ މީހުން ގަތުލުއާންމުން ސަލާމަތް ކުރުމަށެވެ.

2014 ވަނ އަހަރުން ފެށިގެން ޑޮންބަސް ރީޖަންގެ ބައެއް ސަރަހައްދުތައް އޮތީ، ރަޝިޔާގެ ތާއީދު ލިބިގެން ޑޮންބަސްގައި ވަކިވެގަތުމަށް ހަނގުރާމަކުރާ ފައުޖުތަކުގެ އަތްދަށުގައެވެ.

ޔޫކްރެއިން ސިފައިން ރައްދު ހަމަލާތައްދީ، ރަޝިޔާ ސިފައިން ފަހަތަށް ޖެއްސި ޚަރްކީވް ހިމެނެނީ ޑޮންބަސް ރީޖަންގެ ތެރެއަކު ނޫނެވެ.

އެކަމަކު، ރަޝިޔާގެ ރައީސް ޕޫޓިންވަނީ، ޔޫކްރެއިން ސިފައިންގެ ރައްދު ހަމަލާތައް އިތުރަށް ކުރިއަށް ގެންދާނަމަ، އެއަށްވުރެ ނުރައްކާތެރި އަދި ސީރިއަސް ރައްދު ފިޔަވަޅުތަކެއް އަޅުއްވާނޭ ކަމަށް އިންޒާރު ކުރައްވާފައެވެ.