ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް އާދަމް ނަސީމް އަވަހާރަވުމަކީ ދިވެހި އުންމަތަށް ލިބިގެންދިޔަ ފުން ހިތާމައެއްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓރީން މިހެން ބުނީ އާދަމް ނަސީމް އަވަހާރަވުމާއި ގުޅިގެން ނެރުނު ތައުޒިޔާގެ މެސެޖުގައެވެ.

މިނިސްޓްރީން ނެރުނު ތައުޒިޔާގެ މެސެޖުގައި ވަނީ، ރާއްޖޭގެ އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށާއި، ދީނީގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އަގުހުރި ގިނަގުނަ މަސައްކަތްޕުލުތަކެއް ކުރައްވާފައިވާ ޝެއިޚް ނަސީމް އަވަހާރަވި ޙަބަރު އެހީ ފުން ހިތާމައާއެކު ކަމަށެވެ.

އަދި ޝެއިޚް ނަސީމް އަވަހާރަވުމަކީ ދިވެހި އުންމަތަށް ލިބިގެންދިޔަ ފުން ހިތާމައެއް ކަމަށާއި، އެމަނިކުފާނަކީ، ދީނީ ގިނަ ފޮތްތަކާއި، ޙުތުބާތައް ލިޔުއްވުމުގެ އިތުރުން، ދީން އުނގަންނައި ދެއްވުމާއި، ޢާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އިޙްލާޞްތެރި ތަވާޟުއުވެރި އިލްމުވެރިއެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން، ޝެއިޚް ނަސީމް އަވަހާރަވުމުގެ މިހިތާމަވެރި ދަނޑިވަޅުގައި، އެމަނިކުފާނުގެ މައްޗަށް، ހެއޮ ރަޙްމަތާއި، ފާފަ ފުއްސެވުން މިންވަރުކޮށް ދެއްވުމަށް މާތް ﷲ ދުއާކުރާކަމަށް ބަޔާނުގައި ވެއެވެ.

ޝެއިޚް ނަސީމް އަވަހާރަވީ އިންފެކްޝަންތަކެއް އުފެދިގެން ސިއްހީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުން ރޭ ފަތިހުގެ ވަގުތެއްގައެވެ.

އުމުރުފުޅުން 80 އަހަރުގައި އަވަހާރަވި ޝެއިޚް ނަސީމަކީ، މަދީނާ ޔުނިވަސިޓީން އެންމެ ފުރަތަމަ މަތީ ތައުލީމް ހާސިލް ކުރެއްވި ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނަކީ އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެވި އެންމެ ފުރަތަމަ ދިވެހިންގެ ތެރެއިން ބޭފުޅެކެވެ. ނަސީމަށް މުހާތަބުކޮށް "ބީއޭ" ގެ ލަގަބް ދިނީ ވެސް އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެވުމުންނެވެ.

ޝެއިޚް ނަސީމް އަވަހާރަވުމުން ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިންނާއި އާއްމުން އަންނަނީ އޭނާއަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުއާކޮށް އާއިލާއަށް ތަޢުޒިޔާ ފޮނުއްވަމުންނެވެ.