• ޖަނާޒާގެ ކަންތަކަށް ފެށޭނީ ހޯމަދުވަހު ރާއްޖޭ ގަޑިން މެންދުރުފަހު 3:00 ގައި

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާ މާދަމާ އޮންނާނެއެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާގެ ކަންތަކަށް ފެށޭނީ ލަންޑަން ގަޑިން ހެނދުނު 11 ޖަހާއިރުއެވެ. އެއީ، ރާއްޖޭ ގަޑިން މެންދުރުފަހު 3:00 ގައެވެ. ޖަނާޒާގެ ކަންތައް ކުރިއަށްދާނީ ލަންޑަގެ ޚާއްސަ ފައްޅި، ވެސްޓްމިންސްޓަރ އަބީގައެވެ.

ރާނީ އެލިޒަބަތު ކައިވެނި ބައްލަވައިގަތީވެސް އަދި ރަސްކަމުގެ ތާޖު އެޅުވުނީވެސް މި ފައްޅީގައެވެ.

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަ ވެފައިވަނީ މި ސެޕްޓެމްބަރު މަހުގެ 8 ވީ ބުރާސްފަތި ދުވަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ގަނޑުވަރު ކަމަށްވާ ބަލްމޮރަލް ކާސްލްގައި ހުންނަވަނިކޮށެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ.

70 އަހަރަށްވުރެ ގިނަދުވަހު ރަނިކަން ކުރެއްވުމުން، އިނގިރޭސި ރަސްކަމުގެ ތަޚުތުގައި މިހާތަނަށް އެންމެ ގިނަދުވަހު ރެނދަލިކުރެއްވުނު ބޭފުޅަކަށް ވެވަޑައިގެންނެވީ ރާނީ އެލިޒަބަތު ދެވަނައެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ މާދަމާ ބާއްވާއިރު، ޖަނާޒާގައި ދެހާހަށްވުރެ ގިނަ ޚާއްސަ މެހްމާނުން ބައިވެރިވެވަޑައި ގަންނަވާނެއެވެ. އޭގެތެރޭގައި، ދައުލަތްތަކާއި، ގައުމުތަކުގެ އެންމެ އިސް ވެރިންނާއި، ގައުމުތައް ތަމްސީލުކުރައްވާ މަންދޫބުންނާއި، ގައުމުތަކުގެ ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި، ގަވަރްނަރ ޖެނެރަލުންނާއި، ރާނީ އެލިޒަބަތު ޚާއްސަ ޝަރަފްތައް އަރުވާފައިވާ ބޭފުޅުންވެސް ހިމެނިވަޑައި ގަންނަވައެވެ.

މީގެއިތުރުން، އިނގިރޭސި ޝާހީ އާއިލާގެ ހުރިހާ ބޭފުޅުންނާއި، އިނގިރޭސި ބޮޑުވަޒީރުކަން ކުރިން ކުރައްވައި މިހާރު ދުނިޔޭގައި ތިއްބެވި ހުރިހާ ބޭފުޅުންނާއި، ކޮމަންވެލްތުގެ އެކި ފެންވަރުގެ ބޭފުޅުންވެސް ޖަނާޒާގައި ބައިވެރިވާނެއެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވުމަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ އެންމެ އިސް ވެރިޔާގެ ދެކަނބަލުންނަށް ބަކިންހަމް ޕެލަސްއިން ދައުވަތު ދީފައި ވެއެވެ.

ދައުވަތު ދެވުނު ހުރިހާ ގައުމެއްގެ ލިސްޓް ބަކިންހަމް ޕެލަސްއިން ހާމަނުކުރި ނަމަވެސް، އެމެރިކާގެ ނިއުޔޯކް ޕޯސްޓުން ބުނެފައިވަނީ، ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ދައުވަތު ނުދެނީ އެންމެ 6 ގައުމަށް ކަމަށެވެ. އެ ގައުމުތަކަކީ؛ ރަޝިޔާ، ބެލާރޫސް، އަފްޣާނިސްތާން، މިޔަންމާ، ސޫރިޔާ އަދި ވެނެޒުއެލާއެވެ.

ޝާހީ އާއިލާތަކުގެ ތެރެއިން ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައި ގަންނަވަނީ، މޮނާކޯގެ ޕްރިންސް އަލްބަރޓްއާއި، ޕްރިންސެސް ޝަރްލީން، ސްޕެއިންގެ ރަސްގެފާނު ފެލިޕޭގެ ދެކަނބަލުން، ރަސްގެފާނު ފެލިޕޭގެ ބައްޕާފުޅު ކުރީގެ ރަސްގެފާނު ޖުއާން ކާލޯސްއާއި، މަންމާފުޅު ރާނީ ސޯފިއާ، ނޯރވޭގެ ރަސްގެފާނު ހެރަލްޑް، ޑެންމާކްގެ ރާނީ މާރގްރީތު، ބެލްޖިއަމްގެ ރަސްގެފާނު ފިލިއްޕޭގެ ދެކަނބަލުން، ސްވިޑަންގެ ރަސްގެފާނު ކާރލް ގުސްޓާފްގެ ދެކަނބަލުން، ޖަޕާނުގެ އެމްޕެރަރ ނަރުހީޓޯގެ ދެކަނބަލުން، ނެދަރލޭންޑްސްގެ ރަސްގެފާނު ވިލެމް-އެލެގްޒެންޑަރގެ ދެކަނބަލުން، ނެދަރލޭންޑްސްގެ ރަސްގެފާނުގެ މަންމާފުޅު އަދި ކުރީގެ ރާނީ ބީޓްރިކްސް، ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރް ނަމްގޭލް ވަންގްޗުކް، ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްކިއާ، އުރުދުންގެ ރަސްގެފާނު އަބްދުﷲ، ކުވައިތުގެ ވަލީއަހުދު ޝައިޚް މިޝާލް އަލްއަހްމަދު އައްސަބާހް، ލެސޯތޯގެ ރަސްގެފާނު ލެޓްސިއޭ، ލެކްޓެންސްޓެއިންގެ ޕްރިންސް އަލޮއިސް، ލަގްޒަމްބާރގްގެ ޑިއުކް ހެންރީ، މެލޭޝިޔާގެ ޕަހަންގްގެ ސުލްތާން އަބްދުﷲ، މޮރޮކޯގެ ވަލީއަހުދު މައުލީ ހަސަން، އުމާންގެ ރަސްގެފާނު ހައިތަމް ބިން ތާރިގް އައްސައީދު، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘަނީ، ޓޮންގާގެ ރަސްގެފާނު ޓުޕޯއެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައި ގަތުމަށް ޖަޕާނުގެ އެމްޕެރަރ ނަރުހީޓޯގެ ދެކަނބަލުން ލަންޑަންގައި:

ރާނީގެ ޖަނާޒާގައި ބައިވެރިވާ ދުނިޔޭގެ ލީޑަރުންގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދެކަނބަލުން، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް، ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންދާ އަރްދެއިން، ޖެމެއިކާގެ ގަވަރްނަރ ޖެނެރަލް ޕްޓްރިކް އެލަންވެސް ހިމެނިވަޑައި ގަންނަވައެވެ.

ކޮމަންވެލްތު ގައުމުތަކުގެ ލީޑަރުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާއިރު، އަޔަރލޭންޑް، ފްރާންސް، އޮސްޓްރިއާ، ޖަރުމަނު، އިޓަލީ، އިސްރާއީލު، ބްރެޒިލް، ފިންލެންޑް، ނެމީބިއާ، ދެކުނު ކޮރެއާ، ހަންގޭރީ، ލެޓްވިއާ، ޕޯލެންޑް، ލިތުއޭނިއާ، ތުރްކިޔޭ ފަދަ ގައުމުތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންވެސް ޖަނާޒާގައި ބައިވެރިވެވަޑައި ގަތުމަށް މިހާރުވަނީ ލަންޑަނަށް ވަޑައިގެންފައެވެ.

އަދި ނައިޖީރިއާ، ގާނާ، ގެބޯން، އިންޑިއާ، ޗައިނާ، ސްރީލަންކާ، ދިވެހިރާއްޖެ، ބާރބަޑޯސް، ބެލީޒް، ޕޯޗުގަލް، ގްރީސް، މޯލްޓާ، ސައިޕްރަސް، ފަލަސްތީން، ޔޫރަޕިއަން ކައުންސިލް، ޔޫރަޕިއަން ކޮމިޝަން އަދި ނޭޓޯގެ ވެރިންވެސް ޖަނާޒާގައި ބައިވެރިވެވަޑައި ގަންނަވައެވެ.