ބޮލީވުޑްގެ އެންމެ ވަރުގަދަ އަދި ތަޖުރިބާކާރު ދެ އެކްޓަރުން ކަމަށްވާ ރިތިކް ރޯޝަންއާއި އެކްޓަރު ސައިފް އަލީ ޚާންގެ ފިލްމު "ވިކްރަމް ވޭދާ" ގެ ޓްރެއިލާ ލޯންޗުކޮށްފިއެވެ.

2017 ވަނަ އަހަރު އެއް ނަމެއްގައި ރިލީޒްކުރި މިފިލްމަކީ ތަމަޅަ ފިލްމުގެ ރިމޭކްއެކެވެ.

ޓީ-ސީރީސް ފިލްމްސް، ރިލަޔަންސް އެންޓަޓެއިންމަންޓް އަދި ޖިއޯ ސްޓޫޑިއޯ ގުޅިގެން އުފައްދާ މިފިލްމު ރިލީޒްކުރާ ތާރީޚަކަށް ޝެޑިއުލް ކުރެވިފައިވަނީ މިމަހުގެ 30 ވަނަ ދުވަހެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެތެރޭ އިއުލާނުކުރި މިފިލްމުގައި ދެ އެކްޓަރުންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާއިރު ފިލްމުގައި ދައްކުވައިދޭނީ ފުލުހަކާއި ކުށްވެރިއެއްގެ ދެމެދުގައި ހިނގާ ކުރިމަތިލުންތަކެކެވެ.

ޕުޝްކަރް ގަޔަތްރީ ޑައިރެކްޓްކުރާ މިފިލްމުން ފެނިގެންދާ އިތުރު ތަރިންގެތެރޭގައި ބަތަލާ ރާދިކާ އަޕްޓޭގެ އިތުރުން ވެބް ސީރީސްތަކުން ފެންނަ އެކްޓަރު ރޯހިތް ސަރަފް ހިމެނެއެވެ.

މިފިލްމުގެ މެއިން ލީޑްއިން ފެންނަ އެކްޓަރު ރިތިކް ރޯޝަންގެ ފިލްމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2019 އަހަރުއެވެ. އެއީ ފިލްމު "ސުޕަ 30" އާއި ފިލްމު "ވޯ" އެވެ.

ރިތިކްއާއެކު އެކްޓަރު ސައިފް އަލީ ޚާންވަނީ މީގެކުރިން އެކުގައި މަސައްކަތް ކޮށްފައެވެ. އެއީ 2002 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ނަތުމް ޖާނޯ ނަހަމް" އެވެ.

ސައިފް އެންމެފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބަންޓީ އޯރް ބަބްލީ 2" އިންނެވެ. ސައިފްގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "އަދިޕުރުޝް" ހިމެނެއެވެ.

މިމަހުގެ ފަހުކޮޅު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު އިންޑިއާ ހިމެނޭގޮތަށް 100 ޤައުމެއްގައި ފިލްމު އެއް ދުވަހެއްގައި ޕްރިމިއާކުރާނެއެވެ.

އިންޑިއާގެ އިތުރުން ބޭރުގެ ގިނަ ޤައުމުތަކުގައި ބޮލީވުޑްގެ ފިލްމުތައް މަގުބޫލުވުމާއެކު ބޭރުގެ ގައުމުތަކުގެ މާކެޓް ފިލްމުތަކަށް ލިބެމުންދާތީ ފިލްމުތައް ބޭރުގެ ގައުމުތަކުގައި ޕްރިމިއާކުރުމަކީ މިހާރު އާއްމުކަމެކެވެ.

https://www.youtube.com/watch?v=hpwnlr-ZHB0