ރާއްޖޭގެ އިގްތިސާދު މުއްސަނދިވާ ވަރަށް ކުރިއަށްގެންދިޔުމަށްޓަކައި ރާއްޖޭގެ އާބާދީއަށްވުރެ އިތުރަށް މީހުން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުالله މަޢުސޫމް ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ އާބާދީގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވަޒީފާއަދާކުރިއަސް ރާއްޖޭގެ އިގްތިސާދު މުއްސަނދި ގައުމެއްގެ ގޮތުގަ ކުރިއަށްގެންދަން ބޭނުންވާ ވަރަށް ރައްޔިތުން ނެތް ކަމަށެވެ.

އަދި ކޮންމެ ވަޒީފާއެއް އަދާކުރިނަމަވެސް އެ ތަނެއްގެ މެނޭޖްމަންޓް ލެވެލަަށްދާން ޖެހޭ ކަމަށާއި އެހެން ގައުމުތަކުގެ ރައްޔިތުންނަށް ހެޔޮހިތުން މަރުހަބާ ކިޔަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެބަ ބޭނުންވޭ އެހެން ގައުމުތަކުގެ މީހުން ރާއްޖައަށް އައިސް މަސައްކަތް ކުރަން ދިވެހިން އަދަނުކުރާ މަސައްކަތްތައް. އެހެންވީމަ އެކަމަށް ބޭރު މީހުންނަށް ޖާގަދީފަ އެ މީހުންނަށް މަރުހަބާކިޔާފަ އަޅުގަނޑުމެން ދާންވީ ރަނގަޅު ވަޒީފާތަކަށް. އެތައް ބައިވަރު ވަޒީފާތަކެއް އެބަހުރި."
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުالله މަޢުސޫމް

އަންނަން އޮތް ޖީލުތަކަށް ރާއްޖެ ގެންގޮސްދިނުމަކީ ކޮނޑުގައި އެޅިފައިއޮތް ވަރަށް ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ތިމާވެށްޓާ ރައްޓެހި އާދަކާދަތަކަށް ދިވެހިން ބައްޓަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ދަސްވެނިވުނު ދަރިވަރުންނާ މުޚާތަބު ކުރައްވާ މިނިސްޓަރ ވަނީ ސަނަދު ހޯދުމަށްޓަކައި ދަރިވަރުންވި ގުރުބާނީއަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މަތީތައުލީމު ފޯރުކޮށްދިނުމުގައި ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އިތުރު ފަހި ފުރުސަތުތަކެއް ދަރިވަރުންނަށް ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.

ވިލާ ކޮލެޖުން 541 ދަރިވަރަކު ދަސްވެނިވެފައިވާއިރު މި 541 ދަރިވަރުންނަކީ ވިލާ ކޮލެޖުގެ ތަފާތު 15 ޕްރޮގްރާމެއް ފުރިހަމަކޮށް ސަނަދު ހާސިލުކުރި ދަރިވަރުންނެވެ. މި ދަރިވަރުންނަށް ސަނަދު ހަވާލުކުރުމުގެ ތިން ހަފުލާއެއް ހޮނިހިރު ދުވަހުގެ ބައްވާފައި ވާއިރު، އިއްޔެވެސް އެ ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވިލާ ކޮލެޖުން އަލަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ މާސްޓާސް ޕްރޮގްރާމްތަކުގެ ތެރޭގައި، ކައުންސެލިން އެންޑް ސައިކޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ސްޕެޝަލައިޒޭޝަންސް އިން ލޯ އަދި އެކައުންޓިންގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.