20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ހުރިހާ މެޗަކުން ބަލިވެއްޖެއެވެ.
ކޮލިފައިންގައި ރާއްޖެއިން ވަނީ ޖުމްލަ 4 މެޗު ކުޅެފައެވެ. މި ހަތަރު މެޗުގައި ރާއްޖެއަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ބައިކޮޅަށް 26 ލަނޑު ވަދެފައިވެއެވެ.
އެގޮތުން ފުރަތަމަ މެޗުގައި ރާއްޖެ ވަނީ އުޒްބެކިސްތާނު އަތުން 0-7 އިން ބަލިވެފައެވެ. ދެވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ރާއްޖެ ބަލިވީ 0-11ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި ޗައިނާ އަތުން ރާއްޖެ ބަލިވީ 0-5 ގެ ނަތީޖާއަކުންނެވެ.
ސައުދީގައި ކުޅޭ ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރީ މިޔަންމާ އާއިއެވެ. މިމެޗުން ރާއްޖެ ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނުނު ގުރޫޕުގެ އެއްވަނަ ހޯދާ، އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވީ ސައުދީ އަރަބިއްޔާއެވެ. އެއީ މި ގުރޫޕުގައި ހިމެނޭ އަނެއް ތިން ޓީމާއިއެކު ކުޅުނު މެޗުތައް ކާމިޔާބު ކޮށްގެންނެވެ. މި ގުރޫޕުގައި ކުޅުނު މެޗުތަކުގައި ސައުދީ ކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު، 17 ލަނޑު ކާމިޔާބު ކޮށްފައިވެއެވެ. ގުރޫޕުގެ ދެވަނަ ހޯދީ ޗައިނާއެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ނިންމާލި ޗައިނާ އަށް ވެސް ހުރިހާ ގްރޫޕެއްގެ ދެ ވަނަތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޓީމަކަށް ލިބޭ ޖާތަކުގެ ތެރެއިން އޭޝިއަން ކަޕުގެ ފުރުސަތު ވަނީ ލިބިފައެވެ.
ގުރޫޕުގައި ނުހިމެނު ނަމަވެސް، މި ގުރޫޕުގެ ޓީމުތަކާ ދެކޮޅަށް އުޒްބެކިސްތާން ވަނީ ކުޅެފައެވެ. އެޓީމު ވަނީ ގްރޫޕްގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. އެކަަމަކު، އުޒްބެކިސްތާނަކީ އަންނަ އަހަރު އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތް ހޯސްޓްކުރާ ގައުމު ކަމަށްވާތީ އެޓީމު އޮތީ ކޮލިފައިވެފައެވެ. އެހެންވެ، އެޓީމުގެ ޕޮއިންޓްތައް މި ގްރޫޕްގައި ނުގުނައެވެ.
ރާއްޖެއިން ކޮލިފައިން ނިންމާލީ ގުރޫޕުގެ ފުލުގައި އޮވެގެންނެވެ.