ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި ހަދިޔާކޮށްފިއެވެ.

މިތަކެތި ސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވަނީ މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީޖިންގއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ފަސޭހައަށްޓަކައި ޗައިނާ އެމްބަސީ މެދުވެރިކޮށް މި ލިބުނު އަގުހުރި ހަދިޔާގެ ސަބަބުން، ވަރަށް ޒަމާންވަންދެން ބަދަލުނުކުރެވިހުރި މާލޭ އަދި ވިލިނގިލީގެ ހުރިހާ މަގު ބައްތިތައް، ޒަމާނަށްފެތޭ، އަލި ހެޔޮވަރު އަދި ކަރަންޓު ޚަރަދު ކުޑަ އެލްއީޑީ ލައިޓިންގްއަށް އެކީ ބަދަލުކުރެވިގެންދާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ސިޓީގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ސަފީރު ވާންގް އާ ރަސްމީ ހައިސިއްޔަތުން ބައްދަލުކުރުމަށް ލިބިގެންދިޔަ ފުރުސަތުގައި، މާލޭ ސިޓީ ކައުންސިލުން ދެމުންދާ ޚިދްމަތްތަކާއި އަދާކުރަމުންދާ ޒިންމާތަކުގެ މައުލޫމާތު އެކަމަނާއަށް އަރުވާފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

‎އެގޮތުން، މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަވެގެންދާނެގޮތަށް ސިޓީ ކައުންސިލުން ދެމުންދާ މުނިސިޕަލް ޚިދްމަތްތައް ހަލުވިވެ، އިތުރަށް ފުޅާވެގެންދާނެ ބައެއް ކަންކަމުގެ ވާހަކަވެސް އެކަމަނާ އަރިހުގައި ދަންނަވާފައިވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ނަތީޖާއަކީ، މިއަދު ޗައިނާއިން މި ހަދިޔާކުރާ މަގު ބައްތިތައް ހަމަޖެހިގެންދިއުން. ޗައިނާ އެމްބަސީއަކީ މާލޭ ސިޓީ ކައުންސިލާ ވަރަށް ގާތް ގުޅުމެއް ދަމަހައްޓަމުންދާ، އަދި ކައުންސިލްގެ މަސައްކަތްތަކަށް އަބަދުވެސް ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތެއް."
މާލެ ސިޓީގެ މޭޔަރު ޑރ. މުޢިއްޒު

‎ސަފީރު ވާންގް އަކީ މާލޭގެ ރައްޔިތުންގެ ބޭނުންތަކާމެދު އަބަދުވެސް މަޢުލޫމާތު އޮޅުންފިލުއްވާ، ރައްޔިތުންނަށް ލުއިފަސޭހަކަމާއި އުފާވެރިކަން ގެނުވާނެ އެކި ކަންކަމަށް މަދަދުވެރިވެދެއްވަމުން ގެންދަވާ ފަރާތެއް ކަމަށާއި އެކަމަނާ އަކީ މާލެ ސިޓީ ކައުންސިލްގެ މިތުރެއް ކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ޗައިނާ ސަފީރު ވަނީ ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮންނަ ބަދަހި ގުޅުމުގެ މައްޗަށް އަލި އަޅުއްވާފައެވެ.

މިއަދުގެ މި ހަފްލާގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުން އަދި ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.