އިނގިރޭސި ރަސްކަމުގެ ތަޚުތުގައި އެންމެ ގިނަދުވަހު ރެނދަލިކުރެވުނު ރާނީ އެލިޒަބަތު ދެވަނައަށް އެންމެފަހުގެ އިހްތިރާމް އަދާކުރުން ފެށިއްޖެއެވެ.

ރާނީ އެލިޒަބަތަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުން ކުރިއަށްދަނީ ލަންޑަންގެ މެދުތެރޭގައި ހުންނަ އެންމެބޮޑު ފައްޅި، ވެސްޓްމިންސްޓަރ އަބީގެ 900 އަހަރުވީ ވެސްޓްމިންސްޓަރ ހޯލްގައެވެ.

ރާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރުމަށް ވެސްޓްމިނިސްޓަރ ހޯލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 2،000 އަށްވުރެ ޢިއްޒަތްތެރިން ޖަމާވެވަޑައި ގެންފައި ވެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، ރަސްރަސްކަލުންނާއި، ޝާހީ އާއިލާތަކުގެ މެމްބަރުން ހިމެނިވަޑައި ގަންނަވައެވެ.

މީގެ އިތުރުން، ރާނީއަށްފަހު އިނގިރޭސި ރަސްކަމަށް އިސްކުރެވުނު ރަސްގެފާނު ޗާލްސް ތިންވަނައާއި، އަނބިކަނބަލުން ކެމީލާއާއި، ރާނީގެ ދަރިދަރިކަލުންނާއި، މާމަދަރިންވެސް ރާނީ އެލިޒަބަތަށް އެންމެފަހުގެ އިހްތިރާމް އަދާކުރުމުގައި ބައިވެރިވެވަޑައި ގަންނަވައެވެ.

ރާނީ އެލިޒަބަތުގެ ހަނދާނުގައި މުޅި އިނގިރޭސިވިލާތުގައި ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ގެނެސްފައި ވެއެވެ.

ރާނީ އެލިޒަބަތުގެ ސަންދޯއްޕުޅު ދުށުމުގެ ފުރުސަތު އާންމުންނަށް ބަންދުވީ އިއްޔެ ހަވީރުއެވެ. އެތައް ގަޑިއިރަކު ދިގު ކިޔޫތަކުގައި ޖެހިގެން އެތައްހާސް އާންމުން ރާނީގެ އެލިޒަބަތުގެ ސަންދޯއްޕުޅު ދެކެން ގޮސްފައި ވެއެވެ.

ރާނީ އެލިޒަބަތަށް އެންމެފަހުގެ އިހްތިރާމް އަދާކުރުން ކުރިއަށްދާއިރު، މި މަންޒަރުތައް ވަގުތުން ބަލާލުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން، މުޅި އިނގިރޭސިވިލާތުގެ އެކި މައިދާންތަކާއި ޕާކްތަކުގައި ބޮޑުސްކްރީން ބަހައްޓައިގެން މި މަންޒަރުތައް އާންމުން ބަލަމުން ގެންދެއެވެ. އަދި ދުނިޔޭގެ އެތައް ގައުމެއްގެ އެތައްމިލިއަން އާންމުންވެސް މި މަންޒަރުތައް ވަގުތުން ބަލަމުން އެބަގެންދެއެވެ.

ވެސްޓްމިންސްޓަރ އަބީގައި ބާއްވާ ރަސްމިއްޔާތުތަކަސްފަހު ރާނީގެ ސަންދޯއްޕުޅު ގެންދެވޭނީ ވިންޑްސަރ ކާސްލްއަށެވެ. ރާނީ އެލިޒަބަތު ފަސްދާނުވެޑުވޭނީ ވިންޑްސަރ ކާސްލްގައި ޝާހީ އާއިލާގެ އެހެންވެސް މެމްބަރުންވެސް ފަސްދާނުވެޑުވިފައިވާ ތަނުގައެވެ.

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަ ވެފައިވަނީ މި ސެޕްޓެމްބަރު މަހުގެ 8 ވީ ބުރާސްފަތި ދުވަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ގަނޑުވަރު ކަމަށްވާ ބަލްމޮރަލް ކާސްލްގައި ހުންނަވަނިކޮށެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ.