އެމޭޒަން ޕްރައިމްއިން އުފައްދާ އިންޑިއަން އޮރިޖިން ފުރަތަމަ ފިލްމު "މަޖާ މާ" ޕްރިމިއާކުރުން އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހަށް ޝެޑިއުލްކޮށްފިއެވެ.

އެމޭޒަން ޕްރައިމްއިން ސްޓްރީމްކުރާ މިފިލްމަކީ، އާނަންދު ތިވާރީ ޑައިރެކްޓަރެއްގެ ގޮނޑިފުރާ ފިލްމެކެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސް މިހާރު ދައްކާލާފައިވާއިރު ބަތަލާ މަދޫރީގެ އިތުރުން ފިލްމުގައި ދެން ފެނިގެންދާނެ މުހިއްމު ތަރިންގެތެރޭ، ސިމޯން ސިންގް، ޝްރިޝްތީ ސްރިވަސްތާވް، ޝީބާ ޗައްޑާ، ގަޖްރާޖް ރާއޯ، ރަޖިތް ކަޕޫރު އަދި ރިތުވިކް ބޯމިކް ހިމެނެއެވެ.

ފެމިލީ ކޮމެޑީ މިފިލްމުގައި ދައްކުވައިދޭނީ މަދޫރީގެ ފިރިހެން ދަރިފުޅަކު ކައިވެނިކުރަން ނިންމުމާއި ގުޅިގެން ކައިވެންޏާއި ގުޅިގެން ކުރިޔަށްގެންދާ ސަގާފީ ހަފްލާތަކާއެކު ހިނގާ ހާދިސާތަކެވެ.

އެމޭޒަންގެ އިންޑިއަން އޮރިޖިންއަށް ބިނާކޮށްގެން އުފައްދާ ފިލްމުތަކުގެ އިސްވެރިޔާ އަޕަރްނާ ޕްރޮހިތް ބުނެފައިވަނީ، ފިލްމު "މަޖާ މާ" އަކީ މިހާތަނަށް އެމޭޒަންއިން ގެނެސްދިނުމަށް ނިންމާފައިވާ މިޖޯންރާގެ ފެށުން ކަމުގައެވެ.

މިފިލްމު އެމީހުންނަށް އެންމެބޮޑަށް ހާއްސަވަނީ ފިލްމުގެ މުހިއްމުބައި ބިނާކުރެވިފައިވަނީ އަންހެނެއްގެ ދިރިއުޅުމަށް ކަމަށްވާތީއެވެ. އޭނާ އިތުރަށް ބުނެފައިވަނީ ބަތަލާ މަދޫރީ ފިލްމާއި ގުޅުމުން އެރޯލް އަދި އިތުރަށް ފުރިހަމަވެގެންދިޔަ ކަމުގައެވެ.

ފިލްމާއި ބެހޭގޮތުން ޑައިރެކްޓަރު އާނަންދު ތިވާރީ ބުނެފައިވަނީ ފިލްމުގައި ހެއްވާ މަޖާ ކަންތައްތަކާއެކު ވަރަށް ހިތާމަވެރި ނާޒުކު މަންޒަރުތަކެއްވެސް ހިމެނޭނެ ކަމުގައެވެ. އަދި އެމޭޒަން ޕްރައިމް މެދުވެރިކޮށް ފިލްމު ދުނިޔޭގެ ގިނަ ބަޔަކަށް ބަލާލުމުގެ ފުރުސަތު ލިބިގެންދިއުމަކީ ވަރަށް ހިތްހަމަޖެހޭ އުފާކުރާ ކަމެއް ކަމުގައިވެސް އާނަންދުވަނީ ބުނެފައެވެ.

ދާދިފަހުން ނެޓްފްލިކްސްއިން ޕްރިމިއާކުރި "ދަ ފޭމް ގޭމް ޝޯވް" ގައި ދެއްކި ރޯލަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވާ ބަތަލާއަކީ މިހާރުވެސް ހިންދީ ސިނަމާގައި އެންމެ ނަން ހިނގާ އެއް ބަތަލާއެވެ.

ފިލްމީ މަސައްކަތްތަކުގެ އިތުރަށް ޓެލެވިޒަން ޝޯވްތަކުންވެސް ފެންނަ ބަތަލާއަކީ، ކަލާސްއިން މިހާރު ދައްކަމުން އަންނަ "ޖަލަކް ދިކް ލާޖާ" ސީޒަން10 އެއްގެ އެއް ފަނޑިޔާރެވެ.