އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މުސްތަފާ ހަމީދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ ރ. އަނގޮޅިތީމު/ ކަނީރުމާގެ، މުސްތަފާ ހަމީދު ކަމަށެވެ.

2021 ވަނަ އަހަރުން ފެށިގެން މުސްތަފާ ހަމީދު ކުރިން އަދާ ކުރައްވަމުން ގެންދަވާފައި ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޓަރގެ މަގާމެވެ.

މުސްތަފާ ގެންދަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ސަނަދަށް ކިޔަވާވިދާޅުވަމުންނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން މުސްތަފާ ހަމީދު ވަނީ ބެޗެލަރސް ސަނަދު ހާސިލު ކުރައްވާފައެވެ. މީގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދާއިރާއިން މުސްތަފާ ވަނީ ތަމްރީނު ފުރިހަމަ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުފައްދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ދެނެގަނެ، އެފަދަ ކަންތައްތައް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ވާސިލްވުމެވެ.

އަދި އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއި ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައްކޮށް ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުމެވެ.