ސްޓެލްކޯގެ އަސާސީ މަގްސަދަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އއ. އަތޮޅާއި އދ. އަތޮޅުގައި ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެ، އެކަމުގެ އެއްބަސްވުމުގައި އެ ރަށްރަށުގެ ކައުންސިލްތަކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެއް ކަމަށެވެ.
ސަރީފް ވިދާޅުވީ އަތޮޅުތެރޭ ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްތައް ބާރުވެރިވާ ބަޔަކަށްވުމަކީ ސްޓެލްކޯގެ އަމާޒެއް ކަަމަށާއި އެގޮތުން ކައުންސިލްތަކުން ހިންގާ އިޖްތިމާޢީ ކަންކަމާއި ޖަމްއިއްޔާތަކުން ހިންގާ އެކިކަހަލަ ހަރާތްތަކުގައި ބައިވެރިވުމަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށެވެ.
އަދި އެމަގަށް ވާސިލްވުމަށްޓަކައި ކުންފުނީގެ ފުއްދުންތެރިކަން ހުރި މިންވަރަކުން ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގައި ބައިވެރިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އއ. އަތޮޅާއި އދ. އަތޮޅުގައި ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ މަގުބައްތިތައް ހަލާކުވެފައި ދެން ނުހުންނާނެ ކަމަށާއި އަދި ދަބަރުޖަހާފަ ހުންނަ ހޮޅި ދަނޑިއެއްވެސް ނުހުންނާނެ ކަމަށެވެ.
އަދި ސެޓެލްކޯ އަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށްވުމުން ކުންފުނިން ތަންފީޒުކުރާނީ ސަރުކާރުން އެކަމަކަށް ކަނޑައަޅާފައިވާ ސިޔާސަތުގެ މައްޗަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.