ދިވެހި ފިލްމްއިންޑަސްޓްރީގައި އުފައްދާ އުފެއްދުންތައް، ތިއޭޓަރ އެއްގައި ބަލާލުމުގެ ފުރުސަތު ލިބެން އޮތް ހަމައެކަނި ތަން ކަަމުގައިވާ އޮލިމްޕަސް ސިނަމާގެ މަސައްކަތް އޮކްޓޯބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައި ވަނީ، އޮލިމްޕަސް މަސައްކަތް ނިމޭނެ ތާރީހާއި އަދި އެތަނުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބާ ގުޅޭ ގޮތުން މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގައެވެ.

ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ، އޮލިމްޕަހުގެ މަސައްކަތްތައް އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުވެސް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން އޮލިމްޕަހުގައި ހިންގޭ ހަރަކާތްތައް އިސްތިހާރު ކުރުމަށް އޮލިމްޕަހުގެ މައި ގޭޓުގެ މަތީގައި ލެޑް ޕެނަލް އެއް ހަރުކޮށްފައިވާ ކަމަށާއި، އެކަމުގައި މިހާރު ކުރަނީ ޕެނަލްގެ ވަށައިގެން ޖަހާ ކްލެޑިންގ ޖެހުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި އޮލިމްޕަސްގައި ހަދާފައިވާ ޑާންސް ޕްރެކްޓިސްތައް ހިންގާ ކޮޓަރީގެ ފާރުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، މި މަސައްކަތް ނިމުމުން ފްލޯރިންގ އެޅުމުގެ މަސައްކަތް ކުރަން ފަށާނެކަން ހާމަކޮށްފައިވެއެވެ.

އަދި މީގެއިތުރުންވެސް ކުރަން ހުރި އެކި މަސައްކަތްތައް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލުމަށް، ކުރިން މަސައްކަތްތައް ހަވާލުކޮށްފައިވާ ފަރާތްތަކުން އެ މަސައްކަތް ނުކުރެވޭނެކަން އެންގުމުންނާއި އެހެން ބައެއް ސަބަބުތަކާ ހެދިވެސް ނުކުރެވި ހުރި މަސައްކަތްތައް އެހެން އުސޫލުތަކުގެ ތެރެއިން އަވަހަށް ފަށާ، ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެގޮތުން އޮލިމްޕަސް ހޯލުގައި ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި 7.1 ސަރައުންޑް ސައުންްޑް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިން ފަހަރު އިއުލާނުކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ މި މަސައްކަތްވެސް ސިންގަލް ސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދާ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ހަވާލުކޮށް އެގްރިމަންޓްގައި މިހާރު ސޮއިވެސް ކޮށްފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

އަދި ފިލުމް ސްކްރީން ކުރުމަށް ރިޓެކްޓަބަލް ސްކްރީނެއް ހޯދުމަށް ތިން ފަހަރު އިއުލާނު ކުރުމުން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ސިންގަލް ސޯސްކޮށް އެފަދަ ސްކްރީންއެއް ހޯދަން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ބަޔަކާ ހަވާލުކޮށް ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮލިމްޕަހުގައި ގާއިމްކުރާ ސްޓޭޖް ލައިޓާއި ސައުންޑް ކޮންޓްރޯލް ގާއިމްކުުރުމަށް ހަދާ ޕްލެޓްފޯމްގެ މަސައްކަތް ހަވާލުކުރެވުނު ފަރާތުން އެއްބަސްވުމާ އެގޮތަށް އެ މަސައްކަތް ފަށާފައިނުވާތީ އެ އެއްބަސްވުން ބާތިލުކޮށް، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި އޮލިމްޕަސް އަދިވެސް ނުހުޅުވޭއިރު، ދެ އަހަރު ވީއިރު ވެސް އޮލިމްޕަސް ނުހުޅުވުމުން މި ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.