ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑުން އެޓީމުގެ ކުރީގެ ކެޕްޓަން އަދި ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޑިފެންޑަރު ސާޖިއޯ ރާމޮސް އަށް ޖާގަނުދިން ސަބަބުން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ހާމަކޮށްފިއެވެ.
ގަތަރުގައި މިއަހަރުގެ ނޮވެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕް 2022 ގެ ކުރިން ސްޕެއިން އިން ބައިނަލްއަގްވާމީ ތިން މެޗެއް ކުޅޭނެއެވެ. އެއީ ނޭޝަންސް ލީގުގައި ކުޅޭ ދެމެޗާއި އެކުވެރިކަމުގެ އެއްމެޗެވެ.
ރާމޮސްގެ ބަދަލުގައި ސެންޓަރ ބެކުންގެ ގޮތުގައި އެންރީކޭ ޓީމުން ފުރުސަތު ދީފައިވަނީ ބާސެލޯނާގެ އެރިކް ގާސިއާ އާއި ލީޑްސް ޔުނައިޓެޑްގެ ޑިއޭގޯ ލޮރެންޓުގެ އިތުރުން ވިއަރެއާލުގެ ޕައު ޓޮރޭސް އަދި ވެލެންސިއާގެ ހޫގޯ ގިލަމޯން އަށެވެ.
މިދިޔަ ސީޒަނުގައި އަނިޔާ އާއި އެހެނިހެން ބައެއް ސަބަބުތަކާއެކު ރާމޮސް އަށް ޕީއެސްޖީގައި ގިނަ މެޗުތަކެއް ކުޅެވިފައި ނުވާއިރު، އެންމެ އެދެވޭ ކުޅުމެއްވެސް ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް މި ސީޒަނުގައި އަނެއްކާވެސް ރާމޮސްގެ ކުޅުން ކޮންމެވެސް ވަރަކަށް ފެންނަކަން ތަޖުރިބާކާރުން ބުނެއެވެ.
ނޭޝަންސް ލީގަށް އެކުލަވާލި ސްޕެއިންގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެންރީކޭ ބުނީ، އަހަރަކަށްފަހު ރާމޮސް ފުޓުބޯޅައިގެ ތެރެއަށް އެނބުރި އައިސް، ފަހަރަކު ގިންތިއެއް ގިރާކުރަމުން ކުރީގެ ފޯމަށް އެނބުރި އަންނަކަމީ އެކަމާ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިހާރު ސްޕެއިންގެ ސްކޮޑުގައި ތިބީ ހުރިހާ ގޮތަކުން ބަލާއިރުވެސް ކަމަށް އެންމެ ގާބިލު ކުޅުންތެރިން ކަމަށެވެ.
ނޭޝަންސް ލީގުގެ ކުރިއަށް އޮތް ދެމެޗަށް އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުގައި ރާމޮސް ނުހިމެނޭއިރު، 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 މުބާރާތައް އެންރީކޭ އެކުލަވާލި ސްކޮޑުގައިވެސް ރާމޮސް އަށް ފުރުސަތު ދީފައެއް ނުވެއެވެ. މީގެކުރިން ރެއާލް މެޑްރިޑުގެ ވާދަވެރި ކުލަބު ބާސެލޯނާގެ ކޯޗުކަމުގައިވެސް ހުރި އެންރީކޭ ޔޫރޯ މުބާރާތަށް އެކުލަވާލި ސްކޮޑުގައި ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިއަކު ހިމަނާފައި ނުވާއިރު، ގިނަބައެއްގެ ފާޑުކިޔުން އެފަހަރު އޭނާއަށް އަމާޒުވިއެވެ.
މިފަހަރުގެ ސްކޮޑުގައިވެސް ރާމޮސް އަށް ޖާގަ ދީފައި ނުވާއިރު، 36 އަހަރު ކުޅަދާނަ ޑިފެންޑަރު އެންމެފަހުން ސްޕެއިންގެ ގައުމީ ޖާޒީގައި ކުޅެފައިވަނީ 2021 ވަނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހު ކޮސޯވޯ އާއި ދެކޮޅަށެވެ. ފަހުރުވެރި ގައުމީ ޖާޒީގައި ރާމޮސް ނުކުޅޭތާ 18 މަސް ވެފައިވާއިރު، މިފަހަރުގެ ވޯލްޑް ކަޕުގައިވެސް ރާމޮސް އަށް ސްޕެއިންގެ ސްކޮޑުން ފުރުސަތު ނުލިބޭނެކަމަށް ގިނަ ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.
ސްޕެއިންގެ ގައުމީ ޖާޒީގައި ޖުމްލަ 180 މެޗު ކުޅެފައިވާ ރާމޮސް ވަނީ އެޓީމަށް 23 ލަނޑުވެސް ޖަހައިދީފައެވެ. އަދި އޭނާ ވަނީ ސްޕެއިން އާއިއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައެވެ.