ދަރިމައިނުވުމުގެ މައްސަލައަށް އާސަންދައިގެ ދަށުން ބޭސްފަރުވާކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މިގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.

ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުންދާތީ، އެ މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކޮށް، ފަސޭހަކުރުމަށް ގަރާރުގައި ހިމަނާފައިވެއެވެ.

މިގަރާރު މަޖިލީހަށް ބަލައިގަތީ ވޯޓު ދެއްވި މެމްބަރުންގެ އިއްތިފާގުންނެވެ. އެގޮތުން، ގަރާރު ބަލައިގަތުމަށް 45 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ގަރާރު މަޖިލީހަށް ބަލައިގަތުމާއެކު ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސް ވެސް ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ސްކީމް (އާސަންދަ) ގެ ދަށުން ނުލިބޭތީ އާއި، ދަރިމައިނުވުމުގެ މައްސަލައަށް ޚާއްސަ ކުރެވިފައިވާ ސްޕެޝަލިސްޓުންގެ ޚިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައިވާކަން މި ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދި، މި މައްސަލައާއި ގުޅޭ އެއްވެސް ރަނގަޅު ފެންވަރެއްގެ ދިރާސާއެއް ނުވަތަ ތަފާސްހިސާބެއް ނެތަތީ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މައްސަލައާއި ގުޅޭ ރަގަނޅު ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށް މެމްބަރުގެ ގަރާރުގައި ގޮވާލާފައިވެއެވެ.

މީގެއިތުރުން، ގަރާރުގެ މަގްސަދަކީ އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމުގެ މަރުހަލާތައް މުޅިން އާސަންދައިން ލިބޭ ގޮތް ހެދުން ނޫން ކަމަށާއި އިންފާޓިލިޓީ ޓްރީޓްމެންޓަކީ ހަމައެކަނި އައިވީއެފްއެއް ނޫން ކަމަށް ގަރާރަށް ބަހުސް ކުރައްވަމުން މެމްބަރު މީކާއީލް ވަނީ ވިދާޅުވެފައެވެ. މެމްބަރު ވަނީ ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާ އެހެނިހެން ބަލިތައް ކަމަށްވާ ޕީސީއޯއެސް އާއި އެންޑޯމެޓްރޯސިން ފަދަ ބަލިތަކަށް އާސައިންދައިގެ ދަށުން ދެވޭ ފަރުވާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.

ގަރާރުގެ ފުރަތަމަ ކިޔުން ތާވަލްކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 20 ވަނަ އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާއަށެވެ.