ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި އިހްމާލުވީ ފަރާތްތަކާ ގުޅޭ މައްސަލަތައް އިސްލާހުކުރުމަށްފަހު ދައުވާކުރަން ފޮނުވުމުން ދައުވާ ކުރާނެ ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ތަހުގީގު މަރުހަލާ ފުރިހަމަކޮށް ދައުވާކުރުމަށް އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި، ވެންޓިލޭޓަރުތައް ހޯދުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ މުވައްޒަފުންނަށް ދައުވާ ކޮށްދޭން އެކޮމިޝަނުން ފޮނުވި ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ފާހަގަކުރެވޭތީ، އެކަންކަން އިސްލާހުކުރުމަށް ފަހު އަލުން މައްސަލަ ފޮނުވުމުން ދައުވާކުރާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ހަތަރު ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. މިމައްސަލަ އެންމެ ފަހުން އަނބުރާ ފޮނުވާލާފައިވަނީ މިދިޔަ ޖޫން މަހުއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު 75 ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.
އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް މިދިޔަ އަހަރުގެ މެއިމަހު ނޯޓިސް ފޮނުވާފައި ވީނަމަވެސް މިހާތަނަށް އެކުންފުނިން ބަދަލު ދީފައެއް ނުވެއެވެ.