އދގެ އާންމު މަޖިލީހުގެ 77 ވަނަ ޖަލްސާ މިއަދު ފަށައިފިއެވެ.

މިއީ، ކޮވިޑްގެ ބަލިމަޑު ހާލަތަށްފަހު ދުނިޔޭގެ ލީޑަރުން އެއްތަން ވެވަޑައިގަތުމަށް ފުރުސަތު ލިބުނު ފުރަތަމަ ޖަލްސާއެވެ. ވޭތުވެދިޔަ ދެއަހަރު ދުނިޔޭގެ ލީޑަރުން އާންމު މަޖިލީހުގެ ޖަލްސާތަކުގައި ތަގްރީރު ކުރައްވާފައިވަނީ ވީޑިއޯ މެދުވެރިކޮށާއި، އެކި ކަހަލަ ފިޔަވަޅުތަކުގެ ތެރޭގައެވެ.

އދއިން މިފަހަރުވަނީ، ނިއުޔޯކަށް ވަޑައިގެން ޖަލްސާގައި ތަގްރީރު ކުރެއްވުމަށް މެމްބަރު ހުރިހާ ގައުމެއްގެ ވެރިންނަށް ދައުވަތު ދެއްވާފައެވެ.

އެހެން ނަމަވެސް، އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން ބައިވެރިވެވަޑައި ގަތުމުގެ ސަބަބުން އާންމު މަޖިލީހުގެ ޖަލްސާ ފެށުމުގެ ތާވަލަށް ބޮޑެތި ބަދަލުތައް ވަނީ ގެނެސްފައެވެ.

އާންމު މަޖިލީހުގެ ޖަލްސާގެ ފުރަތަމަ ދުވަހު ދެވަނައަށް ތަގްރީރު ކުރައްވަނީ އެމެރިކާގެ ރައީސް ނަމަވެސް، މިފަހަރުގެ ސަމިޓްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ތަގްރީރު ކުރެއްވުން ތާވަލް ކޮށްފައިވަނީ ބުދަ ދުވަހަށެވެ.

ފުރަތަމަ ދުވަހު ތަގްރީރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ފަރަންސޭސި ރައީސް އިމެނުއެލް މެކޯންއާއި، ޖަރުމަނު ޗާންސެލަރ އޮލާފް ޝޮލްޒް ހިމެނިވަޑައި ގަންނަވައެވެ.

މީގެއިތުރުން، ތުރުކިޔޭގެ ރައީސް ރަޖަޕްބަ ތައްޔިބް އުރުދުޣާން އާއި، ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއާއި، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީވެސް ފުރަތަމަ ދުވަހު ތަގްރީރު ކުރައްވާނެއެވެ.

މިފަހަރުގެ ސަމިޓްގައި ދުނިޔޭގެ ލީޑަރުން މައިގަނޑުގޮތެއްގައި އަލއަޅުއްވާލައްވާނީ ޔޫކްރެއިން ހަނގުރާމައާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކާއި، ނިއުކްލިއަރ ހަތިޔާރުގެ ވާހަކަތަކަށް ކަމަށް ބެލެވިފައި ވެއެވެ.

އެހެން ނަމަވެސް، އާންމު މަޖިލީހުގެ ޖަލްސާ ފަށްޓަވައި ދެއްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ، ދުނިޔޭގައި އިސްކަން ދޭންޖެހިފައިވާ ތައުލީމު އުނގެނުންފަދަ މުހިންމު މައްސަލަތައް ހަނދާން ނައްތާ ނުލެއްވުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

ގުޓަރޭސް ވިދާޅުވީ، ކޮވިޑް ޕެންޑެމިކްގެ ސަބަބުން އުނގެނުމަށް ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި، ނުފޯރާ ކުދިންނަށް ހުރި ފުރުސަތުތައް އިތުރަށް ހަނިވެފައިވާ ކަމަށެވެ.

ދުނިޔޭގެ ވެރިން އެއްތަންވެވަޑައި ގަންނަވާ މިވަގުތަކީ، ދުނިޔެއަށް މޫސުމީ ކާރިޘާތަކާއި، ބަނޑުހައި ހޫނުކަމާއި، ފަގީރު ހާލަތާއި، ތަފާތުކުރުންތަކުގެ މައްސަލަތައް ބޮޑުވެފައިވާ ދަނޑިވަޅެއްކަންވެސް އދގ ސެކްރެޓަރީ ޖެނެރަލް ފާހަގަ ކުރެއްވިއެވެ.

މިފަހަރުގެ ސަމިޓުން ފެނިވަޑައި ނުގަންނަވާނެ ފާހަގަކޮށްލެވޭ ލީޑަރުންގެ ތެރޭގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން ހިމެނިވަޑައިގަންނަވައެވެ. އެދެ ގައުމުން ތަގްރީރު ކުރައްވާނީ ފޮރިން މިނިސްޓަރުންނެވެ.