ތަރައްގީގެ މަޝްރޫތައް ހިންގާއިރުގައި ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ބަޔާންކުރާ (އީއައިއޭ) ރިޕޯޓު ހުށަހެޅުމުގެ ގަވާއިދަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ބަދަލު ގެނެސްފިއެވެ.

އީއައިއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގިނަ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެއް ހުއްދައެއްގެ ދަށުން އެއްވަށްތަރެއްގެ އީއައިއޭ ރިޕޯޓުތަކެއް ހުށަހަޅާކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި، މަޝްރޫއެއްގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުން ކުޑަނަމަ އަދި އެއް ހުއްދައެއްގެ ދަށުން އެފަދަ މަޝްރޫއުތައް އެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަކީ ރަނގަޅު ގޮތަކަށް ވާނަމަ، އެއް ހުއްދައެއްގެ ދަށުން އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅިދާނެ ކަމަށްވެސް އީޕީއޭގެ އިއުލާންގައި ބުނެފައިވެއެވެ.

މީގެއިތުރުން، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ތިމާވެއްޓަށާއި އެ ރަށެއް ނުވަތަ ތަނެއްގެ ރަށްވެހިންނަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން އީއައިއޭ ހުށަހަޅަންޖެހޭ ކަމަށާއި ރަނގަޅަށް ދިރާސާކޮށް އެފަދަ ރިޕޯޓުތައް ހުށަހެޅުމަކީ ތިމާވެއްޓަށް އެންމެ ރާއްކާތެރި ގޮތް ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.