ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުޞަތުތައް ކުޅުންތެރިންނަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްވައިފިއެވެ.
މި ޔަގީންކަން ނައިބުރައީސް ދެއްވީ، "ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް" ގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ބައްދަލުކުރައްވައެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގެ އިންޑޯ ހޯލުގައެވެ.
ކުޅުންތެރިންނާ މުޚާތަބުކުރައްވައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުޞަތުތައް ކުޅުންތެރިންނަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ނައިބުރައީސްގެ ވާހަކަފުޅުގައި ވަނީ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މި މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެންމެހާ ކުޅުންތެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި އެމިނިސްޓްރީގެ ބައެއް އިސްވެރިންގެ އިތުރުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުގެ ޖާޒީ، ނައިބުރައީސް ވަނީ އެ ޓީމާއި ޙަވާލުކޮށްދެއްވައިފައެވެ.