ދިވެހިރާއްޖެއަށް ތަރައްގީ އާއި ކުރިއެރުން ލިބެނީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތުން އެކަނި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ވިލާ ކޮލެޖުގެ "ސްޓޫޑެންޓްސް އެޗީވްމަންޓް އެވޯޑްސް 2022" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގައި ތަރައްގީއާއި ކުރިއެރުން އޮތީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތުން އެކަނި ނޫން ކަމަށާއި، އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ތައުލީމީ ދާއިރާ ފުޅާކުރުމަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ޝަރަފެއް ކަމަށެވެ.

އަމިއްލަ ފަރާތްތަކުން މިގޮތަށް ކުރައްވާ މަސައްކަތްތައް، ހާއްސަކޮށް ރާއްޖޭގެ ތައުލީމީ ދާއިރާ އަދި މަތީ ތައުލީމް ފުޅާކުރުމަށްޓަކައި، ވަކީން ހާއްސަކޮށް ހުނަރުވެރިން ބިނާ ކުރުމަށްޓަކައި ކުރައްވާ މަސައްކަތުގައި އަޅުގަނޑުމެންނަށް ބައިވެރިވުމަށްޓަކައި ލިބޭ ފުރުސަތަކީ ލިބޭ ހިތްހަމަޖެހުމެއް. ލިބޭ ވަރަށް ބޮޑު ޝަރަފެއް.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް

އެމަނިކުފާނު ވަނީ މަތީ ތައުލީމް ފުޅާކޮށް ހަރުދަނާ ރަނގަޅު ދަރީންތަކެއް ބިނާކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކުރައްވާފައެވެ. ވިލާ ކޮލެޖަށް ގާތގަނޑަކަށް 15 އަހަރު ވެގެންދާއިރު، ހުނަރުވެރި ދަރިންތަކެއް އުފައްދާފައިވާ ކަމަށާއި، ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ބަލައިލިކަމުގައި ވިޔަސް ވިލާ ކޮލެޖުން ތައުލީމް ހާސިލްކުރި ދަރުވަރުން ފެންނަމުން ދާކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މީގެއިތުރުން، އެމަނިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދިވެހި ސަރުކާރުން އަމިއްލަ ފަރާތްތަކަށް އަބަދުވެސް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށެވެ.

މި ދާއިރާ ކުރިއަށް ގެންދާއިރު، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ދިވެހި ސަރުކާރުން ކުރެވެން އޮތް ހުރިހާ މސައްކަތެއް، ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭން ޖެހޭނެ. އެނގިވަޑައިގަންނަވާނެ، އަމިއްލަ ފަރާތްތަކުން ތައުލީމްކަމުގައި ވީނަމަވެސް ސިއްހީ ފަރުވާގެ ކަންތައްތަކުގައި ވީނަމަވެސް ވަރަށް އުނދަގުލުން ދަތިގޮތަކަށް އެކަންތައްތައް ފަށާއިގެން ކުރިއަށް ގެންދަނީ. އެހެން ވީމާ ފަސޭހަކުރުމަށްޓަކައި، އަވަސްކުރުމަށްޓަކައި އަޅުގަނޑުމެން ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެމުން ގެންދާނަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް

ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދަރިވަރުންނަށް ދެވޭ ތައުލީމާއި ތަމްރީންގެ ފެންވަރު ރަނގަޅު ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މީގެކުރިން ރާއްޖެއަށް ބޭނުން ނުވާ ތަފާތު އެކި ދާއިރާތަކުގެ ފަންނީ އަދި އިލްމީ ތަޖުރިބާ ލިބިފައިވާ މީހުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ އެވޯޑު ހާސިލްކުރި ހުރިހާ ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ތައުލީމް އުނގެނުމަށް ދަރިވަރުން ކުރާ މަސައްކަތް ފާހަގަކުރައްވައި އެކުދިންނަށް ހިތްވަރު ދެއްވާފައެވެ.