މިއަހަރުގެ އެވޯޑް ހަފްލާތަކުން ވިދާލި ބަތަލާ ކްރިތީ ސެނޮންއަށް ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ނިކިލް ވިވޭދީ ޕްރޮޑިއުސްކުރާ މިފިލްމަށް ކްރިތީ ސެނޮން ހަމަޖެހިފައިވާކަން މިދިޔަ ބުދަ ދުވަހު އަނޫރާގްވަނީ ކަށަވަރުކޮށްދީފައެވެ.

ފިލްމާބެހޭ މާބޮޑު ތަފްސީލެއް ނެތް އިންސްޓަގްރާމް ޕޯސްޓަކުން އާއްމުންނާއި ހިއްސާކުރި މެސެޖްގައި އަނޫރާގް ފެންނަނީ ވަރަށް ހަމަޖެހިލައިގެން ލިޔަން އިންނަ މަންޒަރެވެ.

ޚަބަރު ލިބޭގޮތުގައި މިފިލްމަކީ އެކްޝަން ތްރިލާއެކެވެ. އަދި ބަތަލާ ކްރިތީ ފިލްމުގައި ކުޅެން ހަމަޖެހިފައިވާ ރޯލަށް ތައްޔާރުވުމުގެގޮތުން ތަފާތު އެކި ތަމްރީނުތަކާއި ވޯކް ޝޮޕްތަކުގައި ބައިވެރިވަމުން އަންނަކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ކްރިތީ އެންމެ ފަހުން ފެނިފައިވަނީ އެކްޓަރު އަކްޝޭ ކުމާރް އަދި އަރްޝަދު ވަރްސީއާއެކު ފެނިގެންދިޔަ ފިލްމު "ބައްޗަން ޕާންޑޭ" އިންނެވެ.

މިފިލްމު މިހާރު އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރުމަށްވަނީ ފަށާފައެވެ.

ފިލްމު "ހީރޯޕަންތީ" އިން 2014 ވަނަ އަހަރު ހިންދީ ސިނަމާއަށް ތައާރަފްވި ކްރިތީއަކީ މިހާރު ބޮލީވުޑްގައި ފާހަގަކޮށްލެވޭ ހުނަރުވެރި ބަތަލާއިންގެ ލިސްޓުން ޖާގަ ހޯދާފައިވާ ތަރިއެވެ.

މިދިޔަ އަހަރު ރިލީޒްވި ފިލްމު "މިމީ" ގައި ކްރިތީ ދައްކުވައިދިން މޮޅު އެކްޓިންގްއަށާއި ފިލްމަށް އޭނާކުރި މަސައްކަތްތަކާއެކު މިއަހަރުގެ ފިލްމުފެއާ އެވޯޑްގެވެސް އެންމެ މޮޅު ބަތަލާގެ އެވޯޑް އުފުލާލީ ކްރިތީއެވެ. އަދި އެވޯޑް ލިބުމާއެކު ކްރިތީ ބުނެފައިވަނީ މިފަދަ އެވޯޑްތައް ހާސިލްކުރުމުގެ ސިލްސިލާ ފެށުނީ ކަމުގައެވެ.

ބަތަލާ ކްރިތީގެ ކުރިޔަށްހުރީވެސް ވަރަށް ވަރުގަދަ ފިލްމީ މަސައްކަތްތަކެކެވެ. އޭގެތެރޭގައި މިހާރު ޝޫޓިންގް އެއްކޮށް ނިންމާލާފައިވާ ފިލްމު "ބޭޅިޔާ"، ޑައިރެކްޓަރު ވިކާސް ބަލްގެ "ގަންޕަތް"، ޓީ ސީރީސްއާއި އިތުރު ދެ ފިލްމީ ކުންފުނި ގުޅިގެން އުފައްދާ ފިލްމު "އަދިޕުރުޝް" އަދި ފިލްމު "ޝެހްޒާދާ" ހިމެނެއެވެ.

މިއިން ކޮންމެ ފިލްމަކީވެސް މިއަހަރާއި އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ވަރަށް އުއްމީދީ ފިލްމުތަކެކެވެ. މީގެތެރެއިން ފިލްމު "ބޭޅިޔާ" މިއަހަރުގެ ނޮވެމްބަރ މަހުގެތެރޭ ރިލީޒްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.