ތިރީގައި މިވަނީ، މަޝްހޫރު ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.

*****

ނާއުންމީދުން ފުރިފައި ސަކީލާ އާއި ނަދީމު މަރުކަޒުން ނިކުމެގެން ކާރަށް އެއީ ކުދި ކުދިވެފައިވާ ހިތަކައިގެންނެވެ. ނުވާންވީވެސް ކީއްވެހެއްޔެވެ. މިއީ ބައިގެންދިޔަ ތިންވަނަ ފަހަރެވެ. ކުރިމަތީގައި އޮތް ކާރުގެ ދޮރު ހުޅުވާލަ ދިނުމަށްފަހު ސަކީލާ ފަހަތު ސީޓުގައި ބޭންދިއެވެ. އަދި ދޮރު ޖެހުމަށްފަހު އަނެއް ކޮޅުން ގޮސް ކާރަށް އަރައި ދޮރު ޖެހިއެވެ. ކާރުގެ ދޮރުލެއްޕުމަށްފަހު ނަދީމު މަޑުމަޑުން ރުއްގަސްގެ އޭ ބުނެލުމަށްފަހު ސަކީލާގެ އަތުގައި ހިފާލިއެވެ. ނަމަވެސް ސަކީލާ ޖެހި ބުދެއްހެން ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނީއެވެ. ނަދީމުގެ އެއްވެސް ހަރަކާތަކަށް އިޖާބަދިނުމެއް ނެތެވެ. ދެތިންފަހަރު ސަކީލާގެ އަތަށް ބާރުކޮށްލުމުންވެސް އެއްވެސް ހަރަކާތެއް ނުކުރިއެވެ. ހިފެހެއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަށް ކޯތާފަތުން ލާފައި އުނގަށް ފައިބަމުން ދިޔައެވެ.

މިހާރު ކޮންމެ ކަމެއްވެސް ސަކީލާއަށް ވަރިހަމަ ފަދައެވެ. އޭނާ ދިރިއުޅުންމަތިން ފޫހިވެއްޖެއެވެ. އުފާވެރި ހަޔާތަކަށްއެދި ކުރި ފޮނި އުންމީދުތަށް ފުނޑުފުނޑު ވެއްޖެއެވެ. ދިރިއުޅުމުގެ މަގުސަދަކީ ކޮބައިކަން ސަކީލާއަށް މިހާރު އޮޅިއްޖެއެވެ. ހަގީގަތުގައި އޮޅުނީއެއް ނޫނެވެ. ދިރިއުޅުންމަތިން ފޫހިވީއެވެ. ކޮންމެ ފަހަރަކު އެތަށް އުންމީދުތަކަކާއިއެކު ދިރިއުޅުން އާރާސްތުކުރުމަށް ކުރާ މަސައްކަތް ލޯކުރިމަތީ ފުނޑުފުނޑު ވަނީއެވެ. އުންމީދުތަށް ވިއްސި ވިހާލި ވަނީއެވެ. ދިރިއުޅުމަކީ މިއީ ބާވައެވެ؟ ކައިވެނީގެ ފޮނިމީރުކަމަކީ މިއީ ބާވައެވެ؟ ސަކީލާގެ ނަސީބުގައި މަންމާއޭ ކިޔާ ގޮވާލާނެ ދަރިއެއް ނެތީބާވައެވެ.

ރުއްގަސްގޭ ދޮރުމަށްޗަށް ކާރު ހުއްޓުމާއިއެކު ނަދީމު ފައިބައިގެންގޮސް ސަކީލާ ފައިބަން ދޮރު ހުޅުވާއިދިނެވެ. މަޑުމަޑުން ކާރުން ސަކީލާ ފޭބުމަށްފަހު ނަދީމުއާއިއެކު ގޭތެރެޔަށް ވަދެގެންދިޔައީއެވެ. ގޭތެރެޔަށް ވަދެވުމާއިއެކު ސަކީލާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ސަކީލާ ދިޔަގޮތަށްގޮސް ވެއްޓިގަތީ އެނދުމަށްޗަށެވެ. ބަނޑުން ވެއްޓިގަތްގޮތަށް ދެފަރާތުން ބާލިސް މޫނާއި ކާރިކޮށްލިއެވެ. ނަދީމު ކޮޓަރިއަށް ވަދެ ސަކީލާއަށް ކޮންމެސް ވަރަކަށް ނަސޭހަތްދިނެވެ. ނަމަވެސް ސަކީލާއަށް ކަހާތަން ހިރުވާވެސް ނުލިއެވެ. އިސް އުފުލާ ބަލައި ނުލިތާގައި އަންގައިންވެސް ނުބުންޏެވެ.

އެތަށް ގޮތަކަށް އެތަށް އާދޭހަކާއި ނަސޭހަތެއް ދިނުމުންވެސް ސަކީލާ އަޅައިވެސް ނުލިއެވެ. އެނދުމަތީގައި ވަރަށް ގިނައިރު އިނުމަށްފަހު ނަދީމު ބޭރަށް ނިކުމެގެން ދިއުމުން ސަކީލާ ތެދުވިއެވެ. މުޅި މޫނުމަތި ހުރީ ދުޅަވެފައެވެ. ދެލޯ ރަތްވެފައެވެ. ކޮންމެވެސް ވަރަކަށް ރޯގާވެސް ޖެހިފައެވެ. ކަށަވަރުންވެސް ސަކީލާ އެހުރީ ވަރަށް ގިނައިރު ރޮއެފައިކަން އޭނާގެ މޫނާއި ދެލޮލުން އެހެރީ ހެކިދޭށެވެ. ދެލޯ ފޮހެލުމަށްފަހު ސަކީލާ ވަނީ ފާހާނަޔަށެވެ. ފެންވަރާލައިގެން ނިކުމެ އަނެއްކާވެސް އޮށޯތީއެވެ. މިއަދު ހަތަރުދަމު އަދި އެއްވެސް އެއްޗެއް އަރަށް ނުލައެވެ. އަމުދަކުން އޭނާ ބަނޑުހައި ވާހެން ހީވެސް ނުވެއެވެ. ނުވަތަ ބަނޑުހައި ވިޔަސް ކާން ބޭނުންނުވަނީއެވެ. ނުވަތަ ދުނިޔެއާއި އިންސާފެއް ނެތް މިދިރިއުޅުންމަތިން ފޫހިވީއެވެ.

ބޭންކު ބަންދުކުރުމާއިއެކު ސައިން އައުޓްވުމަށްފަހު ނަޝީދާ ތެޅެމުން ފޮޅެމުން އައިސް ވަނީ ރުއްގަސް ގެޔަށެވެ. ތެޅެމުން ފޮޅެމުން އައިލެއް ބާރުކަމުން ގޭގެ ދޮރުވެސް ޖެހުނީ ތަންކޮޅެއް ބާރަށެވެ. ވަދެގެން އެ އައިގޮތަށް އައިސް ސަކީލާމެންގެ ކޮޓަރިއަށް ވަނެވެ. އަދި ސަކީ އޭ ގޮވާލުމަށްފަހު އެނދުގެ އެއްކޮޅުގައި އިށީނެވެ. އެނދުމަތީގައި ބަންޑުން އޮތް ސަކީލާއަށް ނަޝީދާގެ އަޑު އިވުމާއިއެކު ތެދުވެގެންގޮސް ނަޝީދާގެ ގައިގައި ބައްދައިގަތެވެ. އަދި ރޯންފެށިއެވެ. އޭނަގެ ހިތުގައި އުފެދިފައިވާ އެތަށް ސަތޭކަ ސުވާލުތަކެއް ނަޝީދާއާއި ކުރިމަތި ކުރުވިއެވެ. ބުނާނެ އެއްޗެއް ދޭނޭ ޖަވާބެއް ނޭންގިފައި ނަޝީދާ ޖެހުނީ ސަކީލާގެ ސަކުވާތަށް އަހަން އިންނާށެވެ. އެންމެފަހުން އެތަކެއް ނަސޭހަތެއްދީ އެތަށް އާދޭހަކާއި އެތަށް ވިސްނައިދިނުންތަކެއް ވިސްނައިދިނުމަށްފަހު ސަކީލާ ހަމަޔަކަށް އެޅުވިއެވެ.

ނަޝީދާ އަކީ ސަކީލާގެ އެންމެ ގާތް އެކުވެރިއާއެވެ. އެކުވެރިއަކަށްވުރެ ސަކީލާ އާއި ނަޝީދާ ދެކެނީ އެއީ ދެބެއިން ކަމުގައެވެ. ސަކީލާގެ އިހުސާސްތަށް އެންމެ ރަނގަޅައް އެނގޭނެ އެކަކަކީ ނަޝީދާ އަށެވެ. ސަކީލާ ދިޔައީ ދިރިއުޅުމުގެ ހުރިހާކަމެއް ނަޝީދާއަށް ހިއްސާ ކުރަމުންނެވެ. ނަޝީދާ އަކީ އަބަދުވެސް އެންމެ ގާތުގައި ވީ ދެގޮތެއްނުވާ އެކުވެރިޔާއެވެ. ނަޝީދާގެ އާދޭސްތަކަށް ސަކީލާ ތެދުވެގެން ކާގެޔަށް ދިޔައެވެ. ނަޝީދާ ބިސްގަނޑަކާއި ކިރުތައްޓެއް ހަދައިދިނުމުން ވަރަށް ވަރުން އެ ބިސްގަނޑާއި ކިރުތަށިން އެއްބައި ސަކީލާ ބޯލިއެވެ. އަދި ދެމީހުން އެކުގައި ގޭތެރޭގައި ހުރި ބޮޑު ޖަބުރޯލު ގަހުގައި އެލުވާފައިހުރި އުނދޯލިތަކުގައި އިށީންދެލައިގެން ތިއްބެވެ.

ސަކީލާ އަކީ ނަޝީދާގެ އެންމެ ގާތް އެކުވެރިޔާ ނަމަވެސް ސަކީލާއަށް ނޭނގޭ އެތަށް ކަމެއް ނަޝީދާ ދިޔައީ ކުރަމުންނެވެ. ކިތަންމެ ގާތް ދެމީހުންނެއް ކަމަކު ދެމީހުންގެ އަމިއްލަ ދިރުއުޅުން ވަރަށް ތަފާތެވެ. ސަކީލާ އަކީ އަބަދުވެސް ރަނގަޅު އަހުލާގެއްގެ މީހެކެވެ. ދީންވެރި ލަދުވެތި އަންހެނެކެވެ. ނަމަވެސް އެއާއި ހިލާފަށް ނަޝީދާ އަކީ އޭގެ އިދިކޮޅެވެ. އޭނާގެ ރީތިކަމާއި އެއްވަރަށް އޭނާ ބިޓިންއެވެ. އޭނާގެ ކޮންމެ އިނގިއްޔަކަށް ބިޓެއް ހުރެއެވެ. އުޅެމުން އަންނަނީ އެންމެ ޒަމާނީ ދިރިއުޅު މެކެވެ. ލަނީ އެންމެ ޒަމާނީ ހެދުމެވެ. ނަޝީދާގެ ބަހުން ދަންނަވާނަމަ އެއީ ތަހުޒީބު ވެލުމެވެ. ފެޝަނަށް ލޯބިކުރުމެވެ. މޮޑާން ވެލުމެވެ.

ވަރަށް ގިނައިރު ސަކީލާ އާއި އެކު އެގޭގައި ހޭދަކުރުމަށްފަހު ނަޝީދާ އެގެއިން ނިކުތީ ނަދީމުވެސް ގެޔަށް އައުމުންނެވެ. އޭރު އިޝާނަމާދުން މީހުން ފައިބަނީއެވެ. ޅައިރު ދެރަހުމަތްތެރިންގެ ކައިރީގައި އުޅުނެއްކަމަކު މިހާރު ނަޝީދާމެން ދިރިއުޅެމުން ދަނީ ތަންކޮޅެއް ދުރުގައި އަލަށް މީހުން އާބާދުވަމުން އަންނަ ސަރަހައްދުގައި ހުރި ގެއެއްގައެވެ. ފޯނާ ކުޅެމުން ގޯޅި ގޯޅިއަށް ނަޝީދާ އަޅަމުން ދިޔައީ ސިކުނޑީގައި މާބޮޑު ހިޔާލެއް ފިކުރެއް ގެންގުޅެމަކުން ނޫނެވެ. ފޭސްބުކުގައި މީހުން އޭނާގެ ފޮޓޯތަކަށް ކޮށްފައިހުރި ކޮމެންޓުތަށް ކިޔަމުން އަދި ބައެއް ކޮމެންޓްސް ތަކަށް ރިޕްލައިވެސް ދެމުންނެވެ.

ރަށުގައި އަލަށް އާބާދުވާންފެށި ހިސާބުކަމުން އަދި ނަޝީދާމެން އުޅޭ ހިސާބުގެ މަގުބައްތި ހުރީ ނުޖަހައެވެ. އެހިސާބަކީ ތަންކޮޅެއް އަނދިރިކޮށް އޮންނަ ހިސާބެއްކަމުން ފޯނުން ފްލެޝް ލައިޓް ޖައްސާލަން އުޅުނުވަގުތު ކުއްލިޔަކަށް ނަޝީދާގެ ކުރިމަށްޗަށް ހުއްޓުނީ އަސްލަމެވެ. ލިބުނު ކުއްލި ސިހުމާއިއެކު އަތުން ފޯނު ދޫވެގެން ގޮސް ވެއްޓިޖެހުނީ ނަޝީދާގެ ފައިގެ އިނގިލިތަށް ކޮޅުގައެވެ. ބިރުން ގޮސް ހަޅޭލަވައިގަންނަށް ހުޅުވާލި އަނގައިން ނިކުތީ ހަޅޭކުގެ ބަދަލުގައި ތަދުވުމުން ބުނެލި އައްދިއްޔޯއި ގެ އަޑެވެ. އެއާއިއެކު އަސްލަމް ނުބައި ފާޑަކަށް ހިނިގަނޑެއް ޖަހާލާފައި "ވައްޓާލާއިރު ތަދު ވާނެ" ކަމަށް ބުނެފައި ދިޔަގޮތަށް ގޮސް ކުރިމަތީ އޮތް ގޯޅިން ލަނބައިލިއެވެ.

ވީ ފޫއްސެއްގެ ބޮޑުކަމުން ކުދި ކިޔަމުން ނަޝީދާ އިށީނދެ ފޯނުނަގައި އިނގިލިތަކުކޮޅަށް އަލިކޮށް އަނިޔާއެއް ވެފައި ހުރިތޯ ބަލައިލިއެވެ. ދެތިންފަހަރަކު އިނގިލިތަކު ކޮޅުގައި ފިރުމާލުމަށްފަހު ކޮޅައްތެދުވެ ކޮރުޖަހަމުން ގެއާއި ދިމާލަށް ހިނގައިގަތެވެ. ފައިގެ އިނގިލިތަކުކޮޅަށް ވަމުންދިޔަ ތަދާއިއެކު އަނެއްކާވެސް ނަޝީދާ, އަސްލަމާއި ދިމާލަށް ކުދިކިޔަން ފެށިއެވެ. "ސަހާދެއް! ވަރުގަދަ މީހެއް! ވަރަށް ފޫހިވޭ! މުޅިރަށުގަ ހަކުރުވިއްކަމުން! އުޅޭނެ ގޮތެއް ނޭގެންޏާ ވަޅެއް ކޮނެފަ އެޔަށް އެރުނީމަ ނިމުނީނު! ދެން ! އައްދޯއި! ހުވާ! ވަރުގަދަ ލަނޑެއް ދޭނަން! މަ ހުވާ! ހާދަ ފޫހިވާ ފިރިރިހެނެކޭ!" މިފަދަ އެތަށް އެއްޗެއް ކިޔަމުން ނަޝީދާގޮސް އޭނާގެގެޔަށް ވަނެވެ. އަސްލަމަކީ ރަށުގައި ހިނގައި ހުރިހާ ނުބައިކަމެއްގެ އެއްބައިވެރިއެވެ. އޭނާ އަކީ ވައްކަންކުރާ މީހެކެވެ. ޑްރަގުގެ ވިޔަފާރީގެ އިތުރު އޭނާ އަކީ ތަފާތު އެކި މަނާ ބޭސްތައް ވިއްކާ މީހެކެވެ.

މެންދަމުން ބައެއް ދިޔައިރުވެސް ނަޝީދާ އުޅުނީ އައިސް ޕެކެއް ހިފައިގެން ފައިގެ އިނގިލިތަށް ކޮޅުގައި ޖައްސާލަ ޖައްސާލައެވެ. ފޯނުން ޖެހުނީ ނިޔަފައިގަނޑުގައި ކަމުން އެތަނަށް ހުރީ ލޭއަރާފައެވެ. ތަދުވަނީ އެހެންވެގެންވެސް ކަންނޭނގެއެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން ނަޝީދާ ކޮޓަރީގައި ހުރި ފަސްޓްއެއިޑް ކިޓުން ޕެއިން ކިލާރ ގުޅައެއް ކާލިއެވެ. އަދި އަތުގައި އޮތް އައިސްޕެކް ފާހާނާ ސިންކުމަތީ ބާއްވާލުމަށްފަހު މަޑުމަގުން ގޮސް އެނދުގައި އިށީނެވެ. ބާލީސްތަށް ހެޔޮވަރު ކޮށްލުމަށްފަހު މަޑުމަޑުން ޖައްސާލިއެވެ. ސިކުނޑީގައި އެބުރެމުންދިޔަ އެކި ޚިޔާލުތަކާއިއެކު ނަޝީދާގެ ދެލޯ އެހެރަގެން ދަނީ މެރެމުންނެވެ. ބޭހުގެ އަސަރުވެސް ކޮންމެސް ވަރަކަށް ކުރީ ކަންނޭގެއެވެ. އެއްކޮން ދެލޯމެރި ނަޝީދާއަށް ނިދިއްޖެއެވެ.

އޮފީހުގައި ނަޝީދާ އިންއިރު އިނީ ނިދި ބުރާންތިކައިފައެވެ. އެއްވެސް މަސައްކަތެއް ކުރާހިތެއް މީހަކާ ވާހަކަ ދައްކާހިތެއް އޭނާގެ މިޔަދަކު ނެތެވެ. ފައިގެ އިނގިލިތަކުގައި ކޮންމެވެސް ވަރަކަށް ރިއްސިއެއް ކަމަކު ރޭގައި ވީވަރެއް ނުވެއެވެ. ކޮފީއެއް ހަދަން ދާން އެޅެފައިވެސް ޕަވާރ ނެޕެއް ނަގާލަން މޭޒުމަތީގައި ބޯއަޅައިލިއެވެ. މިނެޓެއްވެސް ވީހެން ހިޔެއް ނުވެއެވެ. ސިއްސައިގެންގޮސް މީހާ ތެދުވިއެވެ. މޭޒުމަތީގައި ހުރި ފެންފުޅިން ފެންފޮދެއް ބޯލުމަށްފަހު މީހާ ހަމަޖެހެލެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. ބަލާ ބެލުމަށް ނަޝީދާއަށް ހީވަނީ ބިރެއް ފެނުނުހެއްނެވެ. ނުވަތަ ނިދިޖެހުނުވަގުތު އޭނާއަށް ހުވަފެނެއް ފެނުނީއެވެ. ނޫނެކެވެ. ހަގީގަތުގައި އޭނާއަށް ފެނުނީ ހުވަފެނެއް ނުވަތަ ބިރެއްވެސް ނޫނެވެ. އޭނާއަށް ނިދި ޖެހުނު ވަގުތު ހަނދާންވީ ރޭގައި އަސްލަމު އޭނާއާއި ދިމާލަށް ބުނި އެއްޗެވެ.

"ވައްޓާލާއިރު ތަދުވާނެ" އެބުނީ ކީކޭބާވައެވެ. ގައިމުވެސް އެބުނި ޖުމުލައިގެ މާނަފުނެވެ. އޭގައި ނޭނގޭ އެތަކެއް ސިއްރުތަކެއް ވެއެވެ. ހަމަ ހުރެފައެއް އެފަދަ އެއްޗެއް ނުބުނާނެއެވެ. ކަށަވަރުންވެސް އަސްލަމުއަށް ކޮންމެވެސް އެއްޗެއް އެނގުނީއެވެ. ނުވަތަ އޭނާ އަހަރެންނަށް ކޮންމެވެސް އެއްޗެއް އަންގައިދޭން މަސައްކަތް ކުރީއެވެ. ކޮންމެ ގޮތަކަށް ކަންތަށްވީނަމަވެސް މިކަމުގެ ހަޤީގަތަށް ވާސިލުވުން މުހިންމެވެ. އަމުދުން މިކަމުގެ ހަގީގަތް އޭނާއަށް އެނގެނީ ކަންނޭގެއެވެ. ނުވަތަ އޭނާ ބޭނުންވަނީ މިކަމަށް ޔަގީންކަމެކެވެ. މިކަމުގައި ސާބިތު ހެއްކެކެވެ.

އަވަސް އަވަހަށް ނަޝީދާ ފޯނުނަގައި ސަކީލާއަށް ގުޅިއެވެ. އަދި ސަކީލާ އެބޯޓުވީ ކިތަށް ފަހަރުތޯ އާއި ކޮން ދުވަހަކުތޯ ސުވާލުކުރިއެވެ. މިހުރިހާ ސުވާލުތަކެއް އެއްފަހަރާ ކުއްލިޔަކަށް ކުރުމުން ސަކީލާއަށް ޖަވާބުދިނުމުގެ ބަދަލުގައި ނަޝީދާއަށް ކުރެވުނީ ސުވާލުތަކެކެވެ. ވެގެން އުޅޭގޮތް އޮޅުންފިލުވައި ދިނުމަށް އެދެވުނެވެ. ނަމަވެސް މިވަގުތު މާގިނަ ވާހަކަ ދެއްކެން ނެތްކަމަށާއި އަވަހަށް އެމައުލޫމާތު ހޯދުމަށްފަހު ނަޝީދާއަށް ގުޅުމަށް އެދުނެވެ. ފޯނު ބޭއްވުމަށް ފަހު ނަޝީދާ ގޫގުލް ސާރޗް ކުރަން ފެށިއެވެ. ވަރަށް ފަރުވާތެރި ކަމާއިއެކު ފަހަރަކު ފޮޓޯއެއް ސޭވްކުރަން ފެށިއެވެ. އަދި ނަޝީދާގެ ބޭންކް ސިސްޓަމްއަށް ލޮގިން ވެލިއެވެ.

ސަކީލާގެ ކޯލެއްގެ އިންތިޒާރުގައި ނަޝީދާއިނީ ކެތް މަދުވެފައެވެ. ސަކީލާ ނުގުޅައިގެން ގިނައިރު ވާންފެށުމުން ފޯނުނަގާ އޭނާގެ "ވަގު ބިޓަކަށް" ގުޅާލިއެވެ. އަދި އެބޯޝަން ޕިލްސް ރަށުން ލިބޭތޯއާއި ލިބެނީ ކާކުއަތުންތޯ ސުވާލުކޮށްލިއެވެ. ވިއްސަކަށް މިނެޓް ފަހުން ސަކީލާ ނަޝީދާއަށް ގުޅިއެވެ. ނަޝީދާ ބޭނުންވި ހުރިހާ މައުލޫމާތެއް ސަކީލާ ދިނެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރިއިރު ނަޝީދާ ދިޔައީ ބޭންކިން ސިސްޓަމުން އަސްލަމުގެ އެކައުންޓް ހިސްޓްރީ ބަލަމުންއެވެ. ސަކީލާ އެބޯޓުވީ ދުވަހުގެ ކުރިން އެ އަދަދަށް އަސްލަމުގެ އެކައުންޓަށް އެއްވެސް މީހަކު ޓްރާސްފާއެއް ކޮށްފައި ވޭތޯއެވެ. ސްކްރީނަށް ބަލަހައްޓައިގެން ނަޝީދާ އިނީ ގަބުވެފައެވެ. ބުނާނެއެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. މުޅިމީހާ ފިނިވެފައެވެ. ހިސާބަކަށް ލޭކެކި ރުޅި އައިސްފައެވެ. ސަކީލާ ކޮންމެ ފަހަރަކު އެބޯޓް ވުމުގެ ދެތިން ހަތަރު ދުވަސް ކުރިން އަސްލަމުގެ އެކަންޓްއަށް ޕިލްސްގެ އަގަށްވާވަރު ޓްރާސްފާސް ކޮށްފައި އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ސަކީލާގެ "ފިރިމީހާ" އެވެ.