ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުރިހާ ޕްރޮސިކިއުޓަރުންނާއި ސީނިއަރ މުވައްޒަފުން ޖަލުތަކަށް ޒިޔާރަތްކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީފުލުހުން ކުރިއަށް ގެންދާ މައްސަލަތަކުގެ ތަހުގީގާއި އަދި އޭގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިބޭ މީހުންގެ ކަންކަން ހުރި ނެތް ގޮތް ދެނެގަތުމަށް ހުރިހާ ޕްރޮސިކިއުޓަރުން ޖަލަށް ޒިޔާރަތް ކުރަން ނިންމާފައިވާކަމަށެވެ.

ޕީޖީ މިފަދައިން ވިދާޅުވެފައި މިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މިދިޔަ ހަފްތާ މަރުވެފައިވަނިކޮށެވެ.

މަރުވި މީހާގެ އާއިލާއިން ތުހުމަތު ކޮށްފައިވާ ގޮތުގައި ޖަލުން އޭނާއަށް ރަނގަޅު ސިއްހީ ފަރުވާ ދީފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮސިކިއުޓަރުން ޖަލުތަކަށް ޒިޔާރަތް ކުރާނީ އަންނަ މަހުއެވެ. މި ޒިޔާރަތުގައި ޖަލުގެ ހާލަތާއި އެތަނުގައި ތިބޭ މީހުންނަށް ހުންނަ ދަތިތަކަކީ ކޮބައިތޯ ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، ޖަލު ބަންދުގައި ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.