އދ. މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއު މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށާއި، ބިން ހިއްކުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މިނިސްޓަރ އޮފް ނެޝެނަލް ހައުސިން، ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރަށުގެ ބިން ހިއްކާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ވަނީ މަހިބަދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ އެމަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް ނޫން ކަމަށާއި، އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ފާހަގކުރައްވައި މިނިސްޓަރ ވިދާޅުވީ މަހިބަދޫ ބިން ހިއްކުމުގެ މަސައްކަތް ބަޖެޓުގައި ހިމެނުމަށް މެމްބަރު މަސައްކަތް ކުރައްވާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އެބަ ގެންދަވާ. އަދި މި މަޖިލީހަށްވެސް ބަޖެޓު ހުށަހެޅޭނެ. ބަޖެޓަށް ރިވިޝަންތަކެއްވެސް މަޖިލީހުގެ މަޝްވަރާއާ އެކީގަވެސް އަންނާނެ. އަޅުގަނޑު ޔަގީންކުރަން އިއްޒަތްތެރި މެމްބަރު މަހިބަދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށް.
މިނިސްޓަރ އޮފް ނެޝެނަލް ހައުސިން، ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން މަހިބަދޫ އަކީ މާލެ ފިޔަވައި ބިމުގެ ބޮޑުމިނާއި އާބާދީއަށް ބަލާއިރު އެންމެ ތޮޮއްޖެހުން ބޮޑު ރަށެވެ.

މިއަހަރުގެ މާޗް މަހު މިއަހަރުގެ މާޗް މަހުގެ މަހިބަދޫ ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމްއާ ބައްދަލުކުރައްވައި އެ ރަށަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރަން ބިން ހިއްކައިދިނުމަށް ސަރުކާރުގައިވެސް އެދިފައިވެއެވެ. ގިނަ މައްސަލަތައް ގުޅިފައިވަނީ ބިމުގެ ދަތިތަކާ ކަމަށްވާތީ އެ ރަށުގެ ބިން ހިއްކުމަށް ރަށު ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމަށް ކައުންސިލްގެ މެމްބަރުން ފާޙަގަކުރައްވާފައިވެއެވެ.