އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އަލުން އެކުލަވާލުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މިގަރާރު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

މިއަދުގެ ޖަލްސާގައި މިގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވިއިރު، ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 3 މެމްބަރަކު ވޯޓުދެއްވާފައިވެއެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.

މިގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގުހީ އާ މައްސަލަތަކުގެ ދިރާސާކޮށް، އެކަންކަމުގެ ދީނީ ލަފާ ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދެވި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ ފަސް އަހަރުގެ ފުރަތަމަ ދައުރު ހަމަވެ، އެތައް ދުވަހެއް ފާއިތުވެގެންދިޔަ އިރުވެސް، ކޯލިޝަން ސަރުކާރުން އެ މަޖިލިސް އެލަވާލާފައި ނުވާ ކަމަށެވެ.

އަދި، ދިވެހިރާއްޖޭގައި ދީނީ ހިލާފުތަކާއި ހަރުކަށި ފިކުރު އިތުރުވެ، ދީނީ ގޮތުން ހިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަންވީ ގޮތް އޮޅިފައިވާ ކަމަށްވެސް މެމްބަރުގެ ގަރާރުގައި ބުނެފައިވެއެވެ.

އަދި، އެކި މީހުން އެކި ފަތުވާ ނެރުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި، އިޖުތިމާއީ މައްސަލަތައް އުފެދި، ޖިނާއީ ކުށްތަކަށް އަރައިގަނެ، މީހުންގެ ލޭ ހުއްދަކޮށް، ނިރުބަވެރި އަމަލުތައް ހިންގަމުންދާއިރުވެސް އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލިސް އެކުލަވާ ނުލާ ކަމަށާއި އެ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާ ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން އައްޔަންކޮށް، އެ މަޖިލިސް އެކުލަވާލައި، އެ މަޖިލިސް ހިންގޭނެ އިންތިޒާމުތައް ވީހާވެސް އަވަހަށް ހަމަޖެއްސުމަށް ގަރާރުގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ދީނީ މައްސަލަތަކުގައި ހާއްސަކޮށް ހިލާފު އުފެދޭ މައްސަލަތަކުގައި ފަތުވާ ނެރުމުގެ ޒިންމާ ހަވާލުކޮށް އެންމެ ފުރަތަމަ ފަތުވާ މަޖިލީހެއް އެކުލަވާލީ 2015 ވަނަ އަހަރުއެވެ.

ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފަތުވާ މަޖިލީހަށް އައު މެމްބަރުން އައްޔަންކޮށްފައެއް ނުވެއެވެ.