ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަކީ ޖުމްހޫރީ ޕާޓީއާ ދިމާލަށް އެއްޗެއް ބުނެވޭ ފެންވަރުގެ ބޭފުޅެއް ނޫން ކަމަށް އެޕާޓީގެ އިސްތަރުޖަމާނު އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހް ވިދާޅުވެއްޖެއެވެ.
އަލީ ސާލިހް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރު ސައީދު، އެޕާޓީއަށް ފާޑުވިދާޅުވުމާއި ގުޅިގެން ރައްދު ދެއްވަމުންނެވެ.
ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އަކީ ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ ބޭފުޅަކަށް ވީ ހިނދު، އެމަނިކުފާނަށް ނިސްބަތްކުރައްވާ މެމްބަރު ސައީދު ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދު ނުފުއްދެނީ ފިޝަރީޒް މިނިސްޓްރީ ޖޭޕީގެ ސްލޮޓަކަށް ލިބިފައިވާތީ ކަމަށެވެ.
މިކަމާއި ގުޅިގެން "ވީނިއުސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަލީ ސާލިހް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ އަރިހުން އެދުރުވެ، މީގެކުރިން ސަރުކާރުގެ މަގާމެއްގައި ޖޭޕީ ތަމްސީލްކުރެއްވި ބޭފުޅަކު މިހާރު ޕާޓީއަށް ނިސްބަތްކޮށް އެފަދަ ވާހަކަދެއްކެވުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަލީ ސާލިހް ވިދާޅުވީ މެމްބަރު ސައީދުއަށް ނިސްބަތްކޮށް އިވިފައިވަނީ އަމިއްލަ ނަފްސު ވިއްކާލެއްވި ވާހަކަ ކަމަށާއި، ހަގީގަތުގައި އޭނާއަކީ ރައްދު ދިނުން މުހިންމު މީހެއްވެސް ނޫން ކަމަށެވެ.
އަދި، މެމްބަރު ސައީދު އެހިސާބަށް ވަޑައިގެންނެވި ގޮތް މިހާރު ހަނދުމަފުޅު ނެތިފައިވާ ކަމަށާއި، އޭނާއަކީ ޕާޓީއަށް އިޚްލާސްތެރިވެގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމާ މެދުވެސް ސުވާލު އުފެދިފައިވާ ކަމަށް އަލީ ސާލިހް ވިދާޅުވިއެވެ. ދުވާ މަހެއްގެ ނިގުލުގައި ނުހިފޭނެ ކަމަށް ބުނެ އުޅޭ ބަހުގެ މިސާލު ނަންގަވައި އަލީ ސާލިހް ވިދާޅުވީ މިހާރު ހުންނެވި ޕާޓީއަށް އިޚްލާސްތެރިވެވަޑައިގަންނަވާ މިންވަރާ މެދުވެސް ޝައްކުއުފެދޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ސަރުކާރުގެ ސްލޮޓެއްގައި ހުންނެވި ބޭފުޅަކު ކަމުގައި ވީނަމަވެސް، އަދި ސަރުކާރުގެ މަގާމެއްގައި ނެތް ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތެއްގައި ހުންނެވި ބޭފުޅެއް ކަމުގައިވީ ނަމަވެސް، އަދި ކުރިން ޕާޓީތަކުގައްޔާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރައްވާފައި ވަޒީރުކަން ކުރައްވާފަ ތިއްބެވި ބޭފުޅުންވެސް ޕާޓީގެ މަސައްކަތުގައި އިޚްލާސްތެރި ވާނެ ކަމުގައި އަލީ ސާލިހް ވިދާޅުވިއެވެ.
އަދި، ޖޭޕީގެ ބާނީ ގާސިމް އިބްރާހީމްގެ ލެގަސީ ދެމެހެއްޓުމަށް ކުރާ މަސައްކަތް ކުރައްވާނީ ވަރަށް ތެދުވެރިކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އަލީ ސާލިހް ވިދާޅުވީ މިފަދަ ވާހަކަތައް ދައްކަވަނީ އެފަދަ މެމްބަރުންނަށް ދައްކަވާނެ އިތުރު ވާހަކަތަކެއް ނެތުމުން ކަމަށާއި، މަޖިލީހަށް ވަޑައިގަންނަވަނީ އިލްމީ ދިރާސާ ނުކުރައްވާ ކަމަށެވެ. އަދި، މަޖިލީހުގެ ބިލްތަކަށް ބަހުސް ކުރުމަށް ލިބިވަޑައިގަންނަވާ ފުރުސަތުގެ ބޭނުން ހިއްޕަވަނީ ސިޔާސީ މަންފާއަށް ކަމަށައި، މޮޅެތި ހެޑްލައިންތައް އުފެއްދުމަށް ކަމަށްވެސް އަލީ ސާލިހް ވިދާޅުވިއެވެ.