ސުވިޒަލޭންޑުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އައުޓްޑޯރ އެޑްވަޓައިޒިންގ ކެމްޕޭނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، މިމަހުގެ 12 ވަނަ ދުވަހުން އަންނަމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ރާއްޖެއަށް ސުވިޒަލޭންޑުގެ މާކެޓުގައި އޮތް މަގުބޫލުކަން ދަމަހައްޓާ، ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

މި ކެމްޕޭންގައި ޒޫރިކްގެ ބޮޑު ދެ ސަރަހައްދެއްގައި ހަތަރު ހަފްތާގެ މުއްދަތަށް ރާއްޖޭގެ އިޝްތިހާރުތައް ބިލްބޯޑުގައާއި ޑިޖިޓަލް ސްކްރީންގައި އަޅުވާފާ ހުންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުނާއިރު މި އިޝްތިހާރުތައް އެތައް މިލިއަން ބަޔަކަށް ފެންނާނެކަމަށްވެސް އެކޯޕަރޭޝަނުން އަންދާޒާ ކުރެއެވެ.

ރާއްޖޭގެ ގުދުރަތީ ނަލަކަމުގެ އިތުރުން މި އިޝްތިހާރުތަކުގެ ޒަރިއްޔާއިން ސްވިސް ފަތުރުވެރިންނަށް ރާއްޖެއިން ލިބެެންހުރި އެކި ތަޖުރިބާތައްވެސް ދައްކުވައިދޭނެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސަ ހިސާބުތަކުން ދައްކާ ގޮތުގައި، ސްވިސް މާކެޓުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 22،751 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ސްވިސް މާކެޓަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ސޯސް މާކެޓުތަކުގެ ތެރޭގައި ހިމެނޭ މާކެޓެކެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ދެމެހެއްޓުމަށްޓަކައި އެމްއެމްޕީއާރުސީއިން ވަނީ އެކި ހަރަކާތްތައް މިއަހަރު ތެރޭގައި ހިންގާފައެވެ.

މީގެތެރޭގައި މީޑިއާ ފެމިލިއަލައިޒޭޝަން ދަތުރުތަކާއި ޑިޖިޓަލް ކެމްޕޭން އަދި ފޯލްސްޓާފް އާއެކު ޕްރިންޓް ކެމްޕޭނެއްވެސް ވަނީ ހިންގާފައެވެ. މިއަހަރު ތެރޭގައި މި މާކެޓަށް އަމާޒުކޮށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.