ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

އިލްހާމް އަހުމަދު މިފަދައިން ވިދާޅުވެ ރައްދުދެއްވީ މަސް ކިރުމަށްފަހު ފައިސާ ނުދެވިގެން އުޅެނީ، ފިޝަރީޒް މިނިސްޓްރީ ޖުމްހޫރީ ޕާޓީން ހިންގާތީ ކަމަށް ވިދާޅުވާ ކަމަށް މެންބަރު މުހައްމަދު ސައީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންއަކީ ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ ބޭފުޅަކަށް ވީ ހިނދު، އެމަނިކުފާނަށް ނިސްބަތްކުރައްވާ މެމްބަރު ސައީދު ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދު ނުފުއްދެނީ ފިޝަރީޒް މިނިސްޓްރީ ޖޭޕީގެ ސްލޮޓަކަށް ލިބިފައިވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ގެމަނަފުއްޓާއި ދަނގެތި ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އިލްހާމް ވިދާޅުވީ [ރައީސް ޔާމީން ލީޑްކުރައްވާ ޕީޕީއެމްއަށް] ވެރިކަމުގެ އާރާބާރު ލިބި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުތައް ބަދަލުކޮށް، ދައުލަތުގެ ނަމުގައި ބޮޑެތި ބިޔަ ލޯނުތައް ނަގައި، ހިތުހުރިގޮތަކަށް ހަރަދުކޮށް، މަސްވެރިންއަށްވީ އެއްވެސް ވަޢުދެއް ނުފުއްދާ ކަމަށެވެ.

އިލްހާމް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވީމަ މިއަދު ތި ޕްލޭ ކުރަނީ ކޮން ސީޑީއެއްތޯ ސުވާލުކުރައްވާފައެވެ.

އިލްހާމް މިފަދައިން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު ޢަލީ ޞާލިހު ވެސް ވަނީ މެމްބަރު ސައީދަށް ރައްދުދެއްވާފައެވެ.

ޢަލީ ޞާލިހް ވިދާޅުވީ، މެމްބަރު ސައީދަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްކޮށް އެފަދަ ވާހަކަދެއްކެވުމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެކަން ފާހަގަކުރައްވައި ޢަލީ ޞާލިހް ވިދާޅުވީ ގާސިމް އިބްރާހީމް އަރިހުން އެދުރުވެގެން ނުކުންނަވާ، އެމަނިކުފާނުގެ މަސައްކަތްޕުޅުތަކަށް ފާޑުވިދާޅުވުން ބަލައި ނުގަނެވޭނެ ކަމަށެވެ.