ކާމިޔާބު ތިން އެޑިޝަނަށްފަހު ވީޓީވީ ކަރޯކޭ ޗެލެންޖުގެ ހަތަރުވަނަ އެޑިޝަން، މާލޭ އެޑިޝަންގެ އޮޑިޝަން ފަށައިފިއެވެ.

މީގެކުރިން ދަރަވަންދޫ، ކުޅުދުއްފުށި އަދި ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި އެޑިޝަންތަކުގެ ކާމިޔާބީއަށްފަހު، މިފަހަރުގެ ކަރޯކޭ ޗެލެންޖުގައިވެސް ގިނަ އަދަދެއްގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ވީޓީވީގައި ބުދަ ދުވަހުގެ ހަވީރުން ފެށިގެން އޮޑިޝަން ކުރިއަށްދާއިރު، މާލޭ އެޑިޝަން ކީނަމަވެސް، އަތޮޅުތެރެއިންވެސް މި ޗެލެންޖުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބައިވެރިން އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ޗެލެންޖާއި ބެހޭގޮތުން ވާހަކަދައްކަވަމުން ވީޓީވީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ (ސީއޯއޯ) މުހައްމަދު ޒަހީން ވިދާޅުވީ، މިފަހަރުގެ ޗެލެންޖު މާލޭގައި ބާއްވަން ނިންމުމުގެ ކުރިން އައްޑޫ އާއި ފުވައްމުލަކުގައި މި އެޑިޝަން ކުރިއަށް ގެންދިއުމަށް ވިސްނިކަމަށެވެ. އެހެންނަމަވެސް މާލޭގައި ޗެލެންޖު ބޭއްވުމަށް ނިންމެވީ، މިދުވަސްވަރަކީ މާލޭގައި ކަރޯކޭގެ ފޯރި ނުހަނު ގަދަ ދުވަސްކޮޅަކަށްވުމުން، މާލޭގައި މިކަން ކުރާ ގިނަ އަދަދެއްގެ ބަޔަކު އުޅޭތީ، ޕްރޮފެޝަނަލް ޕްލެޓްފޯމެއް އެފަރާތްތަކަށް ހޯދައިދިނުމަށް ކަމަށެވެ. އެހެންނަމަވެސް މާލޭގައިވެސް ނުވަތަ ވަކި ރަށެއްގެ ނަމުގައި އެޑިޝަން އެއް ބޭއްވިޔަސް އެއީ ހަމައެކަނި އެރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް ބާއްވާ އެޑިޝަނެއް ނޫން ކަމަށާއި، ކޮންމެ މީހަކަށްވެސް މި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ރަށުގެ ނަން ދީފައި މުބާރާތް ކުރިއަށް ގެންދަނީ އެރަށެއްގައި މުބާރާތް ކުރިއަށް ގެންދާތީކަން ޒަހީން ފާހަގަކުރެއްވިއެވެ.

ޒަހީން ވިދާޅުބީ ކޮލަމްބޯގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށް ވީޓީވީ ކަރޯކޭ ޗެލެންޖް ކޮލަމްބޯ އެޑިޝަންގެ ނަމުގައި ބޭއްވި މި ޕްރޮގްރާމުގެ ފުރަތަމަ އެޑިޝަން އިން ފެށިގެން، އޭގެފަހުން އައި ކޮންމެ އެޑިޝަނެއްވެސް އައީ، އޭގެ ކުރިން ބޭއްވި އެޑިޝަން އަށްވުރެ، ފޯރިގަދަ، ކާމިޔާބު އެޑިޝަނެއްގެ ގޮތުގައި ކަމަށެވެ. ހާއްސަކޮށް އެންމެފަހުން ދަރަވަންދޫގައި ބޭއްވި އެޑިޝަން އަކީ މި ޕްރޮގްރާމުގެ އެންމެ ކާމިޔާބު އެޑިޝަންކަން ޒަހީން ފާހަގަކުރެއްވިއެވެ. އަދި އެންމެފަހުން ބޭއްވި އެޑިޝަނުގައި ފެނިގެންދިޔަ މޮޅެތި ލަވަކިޔުންތެރިން މާލެ ގެނެސް، ވީޓީވީން އެ ލަވަކިޔުންތެރިންގެ ސިންގަލް ލަވަތަކެއް އުފައްދާ ބެލުންތެރިންނާއި ހަމައަށް ގެނެސްދިންކަން ޒަހީން ފާހަގަކުރެއްވިއެވެ.

މީގެކުރީގެ ތިން އެޑިޝަނާ މިފަހަރުގެ އެޑިޝަނާ ބޮޑެތި ތަފާތުތަކެއް ހުންނާނެކަން ޒަހީން ވީނިއުސް އާއި ހިއްސާކުރެއްވިއެވެ. އަދި ޕްރޮޑަކްޝަނުގައިވެސް ތަފާތު ބަދަލުތަކެއް ފެނިގެންދާނެކަމުގެ ޔަގީންކަން ޒަހީން ދެއްވިއެވެ. ހާއްސަކޮށް ބެލުންތެރިން ބަލާ ހިތްވާނެފަދަ، ޝައުގުވެރި ޕްރޮގްރާމަކަށް މި ޗެލެންޖު ވާނެކަމުގެ ޔަގީންކަންވެސް ޒަހީން ދެއްވިއެވެ.

"އެހެން އެޑިޝަންތަކާއި ހިލާފަށް މިފަހަރު އަޅުގަނޑުމެން މި ބާއްވަނީ އޮޑިޝަންއެއް އެންމެ ފުރަތަމަވެސް. އެއީ އަޅުގަނޑުމެންނަށް ގިނަ ލަވަކިޔުންތެރިންތަކެއް މާލެއިން ލިބިއްޖެ، މާލޭގައި މި ބާއްވަނީ މުޅި ރާއްޖެއަށް އަސްލު ހުޅުވާލެވިގެން. މިފަހަރު އަޅުގަނޑުމެން މި އުންމީދު ކުރަނީ މީގަ ވަރަށް ގިނަ ތަފާތު ބަޔަކު ބައިވެރިވާނެކަމަށް. އެހެންވީމަ އޮޑިޝަނަށްފަހު މި ޗެލެންޖުގައި ދެން ފެނިގެންދާނީ ފިލްޓަރ ކުރެވިފައިވާ، މިކަމުގައި ވަރަށް ޤާބިލް ކުދިންތަކެއް".
ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން

އަންނަމަހުގެ ތެރޭގައި ޓީވީއިން މި ޗެލެންޖު ދައްކަން ފަށާއިރު، އެތައް ކުދިންތަކެއްގެ ތެރެއިން ޗެލެންޖުގައި ވާދަކުރާނީ ނުވަތަ، އޮޑިޝަނަށްފަހު ދެވަނަ ޝޯގައި ފެނިގެންދާނީ 15 ބައިވެރިންނެވެ. އެއަށްފަހު ތިންވަނަ ޝޯ އާއި ހަމައަށް އަންނައިރު އޭގެތެރެއިން ތިން ބައިވެރިއަކު އެލިމިނޭޓުވެ، ތިންވަނަ ޝޯގައި ފެނިގެންދާނީ 12 ބައިވެރިންނެވެ.

އެ 12 ބައިވެރިންގެ މެދުގައި ބާއްވާ 4 ވަނަ ޝޯ ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި 6 ބައިވެރިއަކު ހިމެނޭ ގޮތަށެވެ. އަދި މި ދެ ގުރޫޕުގެ ބައިވެރިންގެ ތެރެއިން ކޮންމެ ގުރޫޕަކުން ދެ ބައިވެރިން އެލިމިނޭޓުކޮށް މި ޗެލެންޖުގެ ފަސްވަނަ ޝޯގައި ފެނިގެންދާނީ ޖުމްލަ 8 ބައިވެރިއެކެވެ.

އެއަށްފަހުގައި ދެން އޮންނާނީ މިފަހަރުގެ އެޑިޝަންގެ ފައިނަލް ޝޯ އެވެ. ފައިނަލްގައި ވާދަކުރާނީ ފަސްވަނަ ޝޯގެ 8 ބައިވެރިންގެ ތެރެއިން ކާމިޔާބު ހޯދާ ފަސް ބައިވެރިންނެވެ. ފައިނަލް ޝޯގައި އެންމެ ރަނގަޅަށް ޕާފޯމް ކުރާ ތިން ބައިވެރިއަކު ހޮވާއިރު، ވީޓީވީ ކަރޯކޭ ޗެލެންޖުގެ މާލޭ އެޑިޝަންގައި ހޮވާނީ ވިނާ އާއި ފަސްޓް ރަނަރަޕް އަދި ސެކަންޑު ރަނަރަޕް އެވެ.

މިފަހަރުގެ ޗެލެންޖުގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ފުންނާބު އުސް، ކަމަށް ޤާބިލް ތިން ފަނޑިއާރަކު ތިބޭއިރު، އެ ފަނޑިއާރުންގެ މައުލޫމާތު ފަހުން ހިއްސާކުރާނެކަމަށް ޒަހީން ވިދާޅުވެފައިވެއެވެ. އަދި މި މުބާރާތުގައި ފަންނާނުން މިންކުރާނީ ހަމައެކަނި ފަނޑިޔާރުންދޭ މާކްސް އިންކަމަށާއި، އެސްއެމްއެސް އަށް ހުޅުވާ ނުލާނެ ކަމާއި އެކަމުގެ ފަހަތުގައިވާ ސަބަބުވެސް ޒަހީން ހާމަކުރެއްވިއެވެ.

"ކަރޯކޭ ޗެލެންޖުގައި އަޅުގަނޑުމެން ހުޅުވައެއް ނުލަން ޕަބްލިކް ވޯޓަކަށް. ދެން އޭގަ ސަބަބުތަކެއްވެސް އެބައޮތް. އެއީ ލަވަކިޔުންތެރިން އެކިޔާ ލަވަޔަށް، ނުފޫޒުފޯރުވަން، އެހެންބަޔަކު، އެ ލަވަޔަކަށްވުރެ ބޮޑަށް، އެހެން ކަންކަމަށް ބިނާކޮށް މިކަން ގެންދަން ނުފޫޒުފޯރުވުން ހުއްޓުވުން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީ އެހާ އިންސާފުވެރި ގޮތެއް ކަމަކަށް. އޭގަ އިންސާފުވެރިވާނީ ލަވަކިޔުންތެރިން ކިޔާ ލަވަޔަށް، ނުވަތަ އެ ލަވައެއް ކިޔާ ކުއްޖެއްގެ ހުނަރަށް ފަނޑިޔާރުންދޭ މާކްސް އިން އެކުއްޖަކު ކުރިއަށް ދޭތޯ ނުވަތަ ކަޓާނީތޯ ނިންމައިގެން. ތިން ޖަޖުން ތިއްބަވާނެ. އިންސާފުވެރި، އެންމެނަށް އިތުބާރު ކުރެވޭ، ޤާބިލް ޖަޖުންތަކެއް މާލޭ އެޑިޝަނުގައި ބައިވެރިވާނީ. އެހެންވީމާ އެ ޖަޖުން ނިންމާ ނިންމުން އެއީ އެންމެފަހުގެ ނިޔާ ކަމަށް ކަނޑައެޅުން އެއީ އެންމެ އިންސާފުވެރިވާނެ ގޮތްކަމަށް ގަބޫލުކުރެވޭތީ ޕަބްލިކް ވޯޓަކަށް ހުޅުވާ ނުލަނީ. އެއީ އެންމެ ރަނގަޅުގޮތް ކަމަށް ކަންނޭނގެ ވާނީ ލަވަކިޔުންތެރިންނަށްވެސް".
ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން

ޒަހީން އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގައި ވަރަށް ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވިއިރު، ވަރަށް ގިނަ ލަވަކިޔުންތެރިން ޕާފޯމް ކުރާނެ ރަނގަޅު ޕްލެޓްފޯމަކަށް މި ޕްރޮގްރާމް ވާނެ ކަމަށާއި، މިއީ ރާއްޖޭގައި، ހާއްސަކޮށް ކޮވިޑުގެ ލޮކްޑައުންގެ ތެރޭގައި ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނު ކަމަކަށްވީ ހިނދު، ބެލުންތެރިންނަށްވެސް މި ޕްރޮގްރާމް ވެގެންދާނީ މުނިފޫހިފިލުވަނިމި، ވާދަވެރި، ތަފާތު ޕްރޮގްރާމަކަށް ކަމަށެވެ. އަދި މިފަހަރުގެ ޕްރޮގްރާމުގައިވެސް ފާހަގަކޮށްލެވޭ މޮޅެތި ލަވަކިޔުންތެރިންނަށް، ވީޓީވީގެ ފަރާތުން މި ފަންނުގައި ކުރިއަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން، އެފުރުސަތު ހޯދައިދީ، ރެކޯޑެޑް ވީޑީއޯ ލަވަތަކެއް އުފައްދައިދޭނެކަމުގެ އުފާވެރި ޚަބަރުވެސް ޒަހީން ވަނީ ދެއްވާފައެވެ.

ވީޓީވީ ކަރޯކޭ ޗެލެންޖުގެ އެއްވަނަ ހޯދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި އަދި އެހެނިހެން އިނާމުތައް ލިބޭއިރު އެންމެފަހުން މި ޗެލެންޖު ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. ބ. އަތޮޅު އެޑިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޗެލެންޖުގެ އެއްވަނަ ހޯދީ ބ. ދަރަވަންދޫ، އަބްދުﷲ ނިފްލީންއެވެ. މިއީ 2015 ވަނަ އަހަރުން ފެށިގެން ވީޓީވީން ތައްޔާރުކޮށް ގެނެސްދޭ، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާމިޔާބު ޕްރޮގްރާމެކެވެ.