ޔޫކްރެއިން ހަނގުރާމައަށް އިތުރު ފައުޖެއް ފޮނުވަން ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން އަމުރު ކުރެއްވުމުން މުޅި ދުނިޔެއިން އެކަން ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

ރަޝިޔާގެ ރައީސް ޕޫޓިން އަމުރު ކުރެއްވީ، ރަޝިޔާގެ ބިޔަ ރިޒާވް ފައުޖުގައި ހިމެނޭ ރައްޔިތުންގެ ތެރެއިން ތިންލައްކަ މީހުންގެ ފައުޖެއް ޔޫކްރެއިނަށް ފޮނުވުމަށެވެ. މިއީ، ޔޫކްރެއިންގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ބަލިވެ، ޔޫކްރެއިން ސިފައިން ރަށްތަށް އަލުން ހިފަން ފެށުމުން ޕޫޓިން އަޅުއްވާ ފިޔަވަޅެކެވެ.

މިއީ، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ރަޝިޔާގެ ރިޒާވް ފައުޖުގެ ބައެއް ރުކުރުވާލާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

ޕޫޓިންގެ ނިންމެވުމުގެ ސަބަބުން، ޔޫކްރެއިން ހަނގުރާމަ އިތުރަށް ހޫނުވެ ލޭއޮހޮރުވުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވިފައި ވެއެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން ވިދާޅުވީ، ހުޅަނގުން ބޭނުންވަނީ ރަޝިޔާ ފުނޑުފުނޑުކޮށްލަން ކަމަށެވެ. އެހެންކަމުން، ރަޝިޔާގެ މިނިވަންކަމާއި އިސްތިގްލާލު ހިމާޔަތްކޮށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރިޒާވް ފައުޖުގެ ބައެއް މޯބިލައިޒްކުރުމަށް ދިފާއީ ވުޒާރާއިން ހުށަހަޅާފައިވާ ޕްރޮޕޯޒަލްއަށް ތާއީދު ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައި ގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޔޫކްރެއިނަށް ރިޒާވް ފައުޖެއް ފޮނުވަން ޕޫޓިން އަމުރު ކުރެއްވުމުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ޕޫޓިން ބޭނުންފުޅުވަނީ ޔޫކްރެއިން "ލޭގެ ކޯރަކަށް ގަންބާލަން" ކަމަށެވެ.

އެހެން ނަމަވެސް، ރަޝިޔާ ސިފައިން ހިފާފައިވާ ރަށްތަކައި ބިންތައް އަލުން އަތުލުމަށް ޔޫކްރެއިން ސިފައިން ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނޭ ކަމަށްވެސް ޒެލެންސްކީ ވައުދުވެވަޑައި ގެންފައި ވެއެވެ.

ޕޫޓިންގެ ނިންމެވުން، ހުޅަނގުގެ ގައުމުތަކުގެ ވެރިން ގެންދަވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުންނެވެ.

ޖަރުމަނުގެ ޗާންސެލަރ އޮލާފް ޝޮލްޒް ވިދާޅުވީ، ޕޫޓިންއަކަށް ޔޫކްރެއިން ހަނގުރާމަ ކާމިޔާބު ނުކުރެއްވޭނޭ ކަމަށެވެ.

އިނގިރޭސި ދިފާއީ ސެކްރެޓަރީ ވިދާޅުވީ، ރިޒާފް ފައުޖު ރުކުރުވާލަން ޕޫޓިން ނިންމުމުން، ޔޫކްރެއިންގައި ރަޝިޔާ ފެއިލްވަމުންދާކަން ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ.

އެމެރިކާއިން ޔޫކްރެއިނަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ބްރިޖެޓް ބްރިންކް ވިދާޅުވީ، މިކަމުން ދޭހަވަނީ ރަޝިޔާގެ ބަލިކަށިކަން ކަމަށެވެ.

ޚަބަރު ލިބޭގޮތުގައި، ރިޒާވް ފައުޖުގެ ބައެއް ޔޫކްރެއިނަށް ފޮނުވަން ޕޫޓިން ނިންމެވުމުން، ރަޝިޔާގެ އެކި ސިޓީތަކުގެ މަގުތަކަށް އާންމުން ނުކުމެ މިހާރުވަނީ މުޒާހަރާތައް ފަށާފައެވެ.

އަނެއްކޮޅުން، ރިޒާވް ފައުޖުގައި ހިމަނަފާނެތީ އާންމުންވެސް ރަޝިޔާއިން ފިލަން މަސައްކަތް ފަށައިފިކަމުގެ ރިޕޯޓްތައް އާންމުވަމުން އެބަދެއެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ރިޒާވް ފައުޖުގެ ތެރެއިން ޔޫކްރެއިނަށް ފޮނުވާނީ ވަކި ކެޓެގަރީއެއްގެ މީހުން ކަމަށެވެ. އެ ފައުޖުގައި ސްކޫލް ކުދިން ނުހިމަނާނޭ ކަމަށްވެސް ބުނެފައި ވެއެވެ.