ދުނިޔޭގެ އެންމެ ބޮޑު އެއް ފާސްޓްފުޑް ރެސްޓޯރަންޓު ޗެއިން ކަމުގައިވާ ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) އިން، ދުނިޔޭގައި މިވަގުތު ހުރި އެންމެ ނުފޫޒުގަދަ އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ ފްރާންސް އާއި ޕީއެސްޖީގެ ޒުވާން ތަރި ކިލިއަން އެމްބާޕޭގެ ކުރިމަތީގައި އަމާންދީ ހަތިޔާރު ތިރިކޮށްފިއެވެ.
ކޭއެފްސީ އާއި އެމްބާޕޭ އަދި ފްރާންސްގެ ގައުމީ ފުޓުބޯޅަ ޓީމާއި ދެމެދު ނުތަނަވަސްކަން އުފެދުނީ، ފްރާންސްގެ ގައުމީ ޓީމުން ކޭއެފްސީ އާއިއެކު ކުރިއަށް ގެންދިޔަ މާކެޓިންގ ކެމްޕެއިނެއްގައި ބައިވެރިވުމަށް އެމްބާޕޭ ދެކޮޅު ހެދުމާއި ގުޅިގެންނެވެ. މި ކަންތައްގަނޑުގެ ތެރޭގައި ކޭއެފްސީ ފްރާންސް އިންވަނީ ފްރާންސްގެ ގައުމީ ޓީމާއެކު ހަދާފައިވާ ސްޕޮންސަރޝިޕް އެގްރީމަންޓު އުވާލާނެ ކަމުގެ އިންޒާރު ދީފައެވެ.
އެގޮތުން ކޭއެފްސީ ފްރާންސްގެ ވައިސް ޕްރެސިޑެންޑް އެލެއިން ބެރަލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޭއެފްސީގެ ޕްރޮމޯޝަނަލް ކޮންޓެންޓް އުފެއްދުމަށް ހިންގި ހަރަކާތުގައި ބައިވެރިވުމަށް، ފްރާންސްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އެމްބާޕޭ ދެކޮޅު ހެދުމުން، އެ ޓީމާއެކު ކުންފުނިން ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
އެހެންނަމަވެސް ފަހުން ކޭއެފްސީ ފްރާންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެލެއިންގެ ބަޔާނަކީ އޭނާގެ އަމިއްލަ ރައުޔެއް ކަމަށާއި، އެއީ ކުންފުނީގެ ވިސްނުންހުރި ގޮތް ނޫން ކަމަށެވެ. މިބަޔާނުން ވަނީ އެ ކުންފުނިން އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމުގެ ޔަގީންކަން ދީފައެވެ.
މިކަމާ ގުޅިގެން ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެމްބާޕޭ އާއިއެކު އެޑްވަޓައިސިންގ އެންޑް އިމޭޖް ރައިޓްސް ޕޮލިސީ އާއި ގުޅުންހުރި މަޝްވަރާތައް ކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެންނާނެކަމަށް ބުނެފައެވެ.
ޕީއެސްޖީ އާއިއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަވަވުމުގެ ކުރިން އެ އެއްބަސްވުން އައުކުރީ އެމްބާޕޭ އަށް ކުލަބުގެ ގިނަ ބާރުތަކެއްވެސް ލިބޭ ގޮތަށެވެ. އަދި ޕީއެސްޖގީގައި އެމްބާޕޭ މަޑުކުރުވުމަށް ސީދާ ފްރާންސްގެ ރައީސް ވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިފަދަ އެތައް ސަބަބަކާހެދި ފުޓުބޯޅައިގެ މާހިރުން ދެކޭ ގޮތުގައި އެމްބާޕޭ އަށް މިހާރު ވަނީ އޭނާ ފެނި، ގިނަ ގޯސްތަކެއް ހަދަމުންނެވެ. އަދި ބައެއް ފަރާތްތަކުން ދަނީ އެމްބާޕޭ އަށް ފާޑުކިޔުމުގެ ގޮތުން، މިއީ ކުޑަކުއްޖަކަށް މާބޮޑު ބާރުތަކެއް ދިނުމުން ވާނޭ ގޮތްކަމަށް ބުނަމުންނެވެ.
ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 57 މެޗުން 27 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްދީފައެވެ.
ކުޑަކުއްޖެއްނޫން މޮޔަކުއްޖެއް