ދުން އެރުން މުޅިން ހުއްޓުވައިފައި ވަނިކޮށް، މާލެ އަތޮޅު ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން، ބޯކޮށް ދުން އެރުން އެކަށީގެންވާތީ ސަމާލުވާން އެދިއްޖެއެވެ.

ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން (ވެމްކޯ)އިން ބުނީ، ތިލަފުށީގައި ވަގުތީގޮތުން ކުނި ބަހައްޓާ ސަރަޙައްދުގައި ބުދަ ދުވަހުގެ މެންދުރުފަހު އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާ ކަމަށާއި ރޯވި އަލިފާންގަނޑު އެން.އެމް.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި ވެމްކޯގެ މުވައްޒަފުން ގުޅިގެން ނިންވާލެވިފައިވީ ނަމަވެސް އެ ސަރަޙައްދުން ދުން އަރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ޙާދިސާއާ ގުޅިގެން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އެ ސަރަޙައްދުން އަލިފާން ފެނި، ބޯކޮށް ދުން އެރުން އެކަށީގެންވާތީ، މިކަމަށް ސަމާލުވުމަށް ވެމްކޯއިން ވަނީ އެދިފައެވެ. އަދި ތިލަފުށްޓަށް ކުނި ގެންދާ އުޅަނދުތަކުން، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކުނި ގެންދިއުމަށާއި، އެ ސަރަޙައްދުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށްވެސް އެކުންފުނިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ވެމްކޯގެ ފަރާތުން ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ކުރާ މަސައްކަތްތަކުގައި ދުވާލެއްގެ މައްޗަށް 500 ޓަނަށްވުރެ ގިނަ ކުނި ޕްރޮސެސްކޮށް، ބޭލްކުރަމުންދާ ކަމަށް ވެމްކޯއިން ބުނެއެވެ. ތިލަފުށްޓަށް ގެނެވޭ ކުނީގެ ޢަދަދު އިތުރުވެފައިވުމާއި، ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތް އިތުރުވެފައިވާތީ، ވަގުތީ ގޮތުން ކުނި ބަހައްޓަމުން ވެމްކޯއިން އަންނަނީ ތިލަފުށީގެ ކުނި ފުންޏާއި ކީވޯލްއާއި ދެމެދުގައެވެ.

ތިލަފުށީ ކުނިގޮނޑުން ދުން އެރުން ހުއްޓުވައި ކުނި މެނޭޖްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯއިން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުނި މެނޭޖްކުރުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ބުނެއެވެ.

އެރަށަށް ކުނި އެޅުމުގައި އަދި ނައްތާލުމުގައި ހަރުދަނާ އުސޫލުތަކެއް މީގެ އަހަރުތަކެއް ކުރިއަށް ބަލައިފިނަމަ ނެތެވެ. ހަމައެއްލަމައެއް ނެތި ކުނިއަޅައި އަންދައިގެން ކުނި ނައްތާލުމުގެ ނަތީޖާއަކަށްވީ ވައި ތަޣައްޔަރުވެ، އެކަމުގެ އުނދަގޫ ކައިރީގައި އޮތް ވިލިމާލޭގެ ރައްޔިތުންނަށްވެސް ކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިކަމަށް ހައްލު ހޯދުމަށް ކުރި މަސައްކަތާއި އެކަށައެޅު ސިޔާސަތުތަކުގެ ސަބަބުން 2019 ވަނަ އަހަރުން ފެށިގެން އެރަށުން ދުން އެރުން ވަނީ ހުއްޓުވާފައެވެ.