ރަޝިޔާއިން ޔޫކްރެއިނަށް ފޮނުވާ ސިފައިންގެ "ދުވަސް ދުއްވާލާނެކަމަށް" ޔޫކްރެއިން ސިފައިންގެ ކޮމާންޑަރު ވައުދުވެވަޑައިގެންފިއެވެ.

ޔޫކްރެއިން ސިފައިންގެ ކޮމާންޑަރ އިން ޗީފް ޖެނެރަލް ވަލެރިޔޭ ޒަލުޒުނިޔޭ ޕޭސްބުކް ޕޭޖްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަމިއްލަ އިޚްތިޔާރުގައިވިޔަސް އަދި ރަޝިޔާ ސަރުކާރުން މޯބިލައިޒްކުރާ ރިޒާވް ފައުޖުގައި ހިމެނިގެން ވިޔަސް ޔޫކްރެއިނަށް އެތެރެވާ ރަޝިޔާ ސިފައިން، ޔޫކްރެއިންގެ ފައުޖުތަކުން "ނައްތާލާނެ" ކަމަށެވެ.

"ހަތިޔަރާއެކު އަޅުގަނޑުމެންގެ ފަސްގަނޑަށް އެތެރެވާ ހުރިހާ އެންމެން ނައްތާލާނަން. އެއީ، އަމިއްލަ އިޚްތިޔާރުގައި އަންނަ ބަޔަކަސް އަދި ރިޒާވް ފައުޖުގައި ހިމެނިގެން އަންނަ ބަޔަކަސް އޮތީ އެގޮތް" ވަލެރިޔޭ ޒަލުޒުނިޔޭ

ޔޫކްރެއިން ސިފައިންގެ އިސް ކޮމާންޑަރު މި މޭރުމުން އިންޒާރު މިކުރެއްވީ، ރަޝިޔާގެ ރިޒާވް ސިފައިން ތިންލައްކަ ސިފައިން ހިމެނޭ ފައުޖެއް ޔޫކްރެއިން ހަނގުރާމައަށް ފޮނުއްވުމަށް ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން އަމުރު ކުރެއްވުމާ ގުޅިގެންނެވެ.

ރަޝިޔާ ސިފައިންގެ އިތުރު ފައުޖެއް ޔޫކްރެއިނަށް ފޮނުވައިފިނަމަ ހަނގުރާމަ އިތުރަށް ހޫނުވެ، ލޭއޮހޮރުވުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވިފައި ވެއެވެ.

ޔޫކްރެއިނަށް ރިޒާވް ފައުޖެއް ފޮނުވަން ޕޫޓިން އަމުރު ކުރެއްވުމުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ޕޫޓިން ބޭނުންފުޅުވަނީ ޔޫކްރެއިން "ލޭގެ ކޯރަކަށް ގަންބާލަން" ކަމަށެވެ.

ރަޝިޔާގެ މިނިވަންކަމާއި، އިސްތިގްލާލް ހިމާޔަތްކުރަން ބޭނުން ކުރެވެންހުރި ހުރިހާ ބާރެއްގެ ބޭނުން ކުރައްވާނެ ކަމަށް ޕޫޓިން އިންޒާރު ކުރެއްވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ވިދާޅުވީ، ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ދުނިޔެއިން އެފުރުސަތު ދޭނޭ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އިތުރު ހަތިޔާރާއި ސިފައިން ފޮނުވުމަކީ، ކުރިން ލަފާކުރެވިފައި އޮތް ކަމެއް ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ. އެއީ، ރަޝިޔާއިން ސިފައިން ޔޫކްރެއިނުން ހިފި ބައެއް ރަށްތައް ޔޫކްރެއިން ސިފައިން އަލުން ހިފުމާއި، ބައެއް ސަރަހައްދުތަކުން ރަޝިޔާ ސިފައިން ބަލިވެ ފަހަތަށް ޖައްސާފައިވުމާ ގުޅިގެންނެވެ.

ޔޫކްރެއިނަށް އިތުރު ސިފައިން ފޮނުވަން ޕޫޓިން އަމުރު ކުރެއްވުމުން، ހުޅަނގުގެ ވެރިން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުން ގެންދަވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ، ޕޫޓިންގެ މި އަމަލަކީ އދގެ ޗާޓަރާ ޚިލާފް އަމަލެއް ކަމަށެވެ.

ހަނގުރާމައާ ދެކޮޅު ހަދައި ރަޝިޔާގެ 20 ސިޓީއެއްގެ މަގުތަކަށް އާންމުންވެސް ނުކުމެ އަޑުއުފުލަން ފަށާފައި ވެއެވެ.

މި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް، ރަޝިޔާ ފުލުހުންގެ ހަރަކާތްތައް މޮނިޓަރކުރާ އޯވޑީ-އިންފޯ މޮނިޓަރިން ގްރޫޕުން ބުނެފައި ވެއެވެ.