ރިލަޔަންސް އެންޓަޓެއިންއާއި ޓީ - ސީރީސް ގުޅިގެން އުފައްދާ ފިލްމު "ކޯޑް ނޭމް ތިރަންގާ" ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބަތަލާ ޕަރިނީތީ ޗޯޕްރާއާއި ލަވަކިޔުންތެރިޔާ ހާޑީ ސަންދޫ މެއިން ރޯލްއިން ފެނިގެންދާ މިފިލްމަކީ، އެކްޝަން ތްރިލާއެކެވެ. ފިލްމުގައި ބަތަލާ ޕަރިނީތީ ފެނިގެންދާނީ އަމިއްލަ ޤައުމަށްޓަކައި ގުރުބާންވާ ސްޕައިއެއްގެ ދައުރުންނެވެ.

ޕަރިނީތީއާއި ހާޑީގެ އިތުރުން ފިލްމުގައި ފެނިގެންދާނެ މުހިއްމު ތަރިންގެތެރޭގައި، އެކްޓަރު ޝަރަދް ކެލްކަރް، ރަޖިތް ކަޕޫރް، ޝިޝިރް ޝަރްމާ އަދި ސަބްޔަސާޗީ ޗަކްރަބޮތީ ހިމެނެއެވެ.

ބަތަލާ ޕަރިނީތީ ވަތަނީ ރޫހު ދައްކުވައިދޭ ރޯލެއް ކުޅޭއިރު ހާޑީ ސަންދޫ ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ.

ބޫޝަން ކުމާރް ޕްރޮޑިއުސްކުރާ މިފިލްމުގެ ފުރަތަމަ ޕޯސްޓާ މިހާރު ރިލީޒްކޮށްފައި ވާއިރު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ކުރިޔަށްއޮތް އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހުއެވެ.

ފިލްމު ރިލީޒްކުރެވޭތީ އުފަލުންހުރެ ފިލްމުގެ ޑައިރެކްޓަރު ރިބޫ ދާސްގުޕްތާ ބުނެފައިވަނީ ފިލްމު ރިލީޒްކުރެވޭ ދުވަހަކަށް ވަރަށްބޮޑަށް އިންތިޒާރުކުރެވޭ ކަމުގައެވެ.

އަދި ބަތަލާ ޕަރިނީތީ ފިލްމުގައި ދައްކުވައިދޭ ހިތްވަރުގަދަ ރޯ އެޖެންޓްގެ ރޯލް ބެލުންތެރިން ބަލައިގަންނާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ރިބޫ ދާސްވަނީ ބުނެފައެވެ. ރިބޫ ދާސްއަކީ 2021 ވަނަ އަހަރު ޕަރިނީތީ ކުޅުނު "ދަ ގާލް އޮންދަ ޓްރެއިން" ގެވެސް ޑައިރެކްޓަރެވެ.

ޕަރިނީތީގެ ކުރިޔަށްހުރި މަސައްކަތްތަކަށް ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "އޫންޗް" ހިމެނެއެވެ. މިއީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެކެވެ.

ޕަރިނީތީގެ އިތުރުން އެކްޓަރު އަމީތާބް ބައްޗަން، އަނޫޕަމް ޚޭރް، ބޮމަން އިރާނީ، ޑެނީ ޑެންޒޯންގްޕާ، ނީނާ ގުޕްތާ އަދި ސާރިކާ ހިމެނެއެވެ.