ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ ސަރުކާރެއްގެ ވައުދުތަކަކީ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ލިޔެފައި ހުންނަ ކަންތައްތައް ކަމަށާއި އަދި ރަށްރަށަށް ވަޑައިގެން ކޮށްދެއްވަން ވިދާޅުވާ ވާހަކަތަކަކީ ވައުދު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ވީނިއުސްއާ ވާހަކަ ދައްކަވަމުންނެވެ.

މިއުވާން ވިދާޅުވީ ރަށްރަށަށް ވަޑައިގެން ރައީސް ވެވަޑައިގެންނެވި ވައުދެއް ފުއްދަވާނެ ކަމަށާއި އަދި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ރައްދުދެއްވިއިރު މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވަނީ ދ.އަތޮޅުގައި ހައުސިންގ މަޝްރޫޢު ހިންގުމަށް ސަރުކާރުން ވެފައިވާ ވައުދާއި ގުޅޭގޮތުން ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމާ ސުވާލު ކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރައީސްގެ ވާހަކަފުޅުތަކާއި ގުޅިގެން ވަރަށް ގިނަ މެމްބަރުން އެއީ ރައީސްގެ ރިޔާސީ ވަޢުދުކަމަށް ފާހަގަކުރައްވާ ކަމަށެވެ. އަދި އެއީ ވައުދެއް ނޫން ކަމަށާއި، ރައީސްގެ ވައުދަށް ވާނީ މެނިފެސްޓޯގައި ފާހަގަކޮށްފައި ހުންނަ ކަންކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝިދު ވަނީ ރައީސްގެ ވައުދުފުޅާއި ގުޅޭގޮތުން މެމްބަރުން ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވެފައެވެ.