އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީވެ އެކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފަށައިފިއެވެ.

މިނިސްޓްރީން ބުނީ އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީވެ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ދަނޑުވެރިންނާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް ރިސާރޗް ކުރުމުގެ ގޮތުން މިނިސްޓަރ ޑރ. ހުސައިން ރަޝީދު ވަނީ ދަނޑުވެރިންނާއިއެކު މަސައްކަތް ފައްޓަވާފައެވެ.

'ޓާރޯލީފް ބްލައިޓް' ބަލި ޖެހުންދުރު އަލައިގެ މުޑުވައްރިސަރޗް ކުރުމުގެ މަސައްކަތް މިހާތަނައް ފަށްޓަވައި ދެއްވާފައިވާ ރަށްތަކުގެ ތެރޭގައި ގދ.ހޯޑެއްދޫ، ގދ. ފިޔޯރީ، ގދ. ވާދޫ، ގދ. ގައްދޫ އަދި ޏ. ފުވައްމުލައް ހިމެނެއެވެ. މި ރިސަރޗްގެ މަސައްކަތް ކުރިއަށް ދަނީ ރަށްރަށުގެ ކައުންސިލްތަކާއި އެ ރަށްރަށުގެ ދަނޑުވެރިންގެ ބައިވެރިވުމާ އެކުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަދި ދަނޑުވެރިންނާ ބައްދަލުކޮށް މި ޕްރޮގްރާމް ކާމިޔާބުކޮށް ގެންދިޔުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އެ ރަށްރަށުގައި ހުރި އަލަ އޮޅުތަކަށް ވަޑައިގެން، އެ ދަނޑުތައް ބައްލަވާލައްވާފަވާއިރު މިނިސްޓްރީގެ ކަމާ ގުޅުންހުރި ޓެކްނިކަލް ބޭފުޅުންވެސް މި ދަތުރުގައި ވަނީ ބައިވެރިވެފައެވެ.