ފަތުވާ އެކަޑަމީގަ ތިބެންވީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓް ނުކުރާ ފިގުހުވެރިން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ، ޝަހީމް މިހެން ވިދާޅުވީ ދީނީ ކަންކަމުގައި އުފެދޭ ޚިލާފްތަކާއި، ދީނީ މައްސަލަތަކުގައި ލަފާދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފިގުހު އެކަޑަމީ ލަސްތަކެއްނުވެ އުފެދިގެންދާނެ ކަމަށް ރައްޔިތުންގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނިކޮށެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވިޓެއްގައި ވަނީ ފަތުވާ ކައުންސިލްގަ ނުވަތަ ފަތުވާ އެކަޑަމީގައިވިޔަސް ތިބެންވީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓް ނުކުރާ ނުވަތަ އަމިއްލަ ރައުޔަށް ތައައްސުބު ނުވާ އިލްމީ ފިގުހީ ބަހުސް ކުރަން ދަންނަ އަދި ވަގުތާއި ހާލަތަށް ފިގުހު ފައްތަން ދަންނަ ފިގުހުވެރިން ކަމަށެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަންކޮށް އެމަޖިލިސް ހަރަކާތްތެރި ކުރުވުމަށް ޑރ. ޝަހީމް ވަނީ މީގެ ކުރިންވެސް ސަރުކާރަށް ގޮވާލާފައެވެ.
އިސްލާމީ ފަތުވާދޭ މަޖިލިސް އެކުލަވާލުމަށް ގޮވާލައި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.
މެމްބަރު ހުށަހެޅުއްވި މައްސަލާގައިވަނީ އެކި މީހުން އެކި ފަތުވާ ނެރުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި، އިޖުތިމާއީ މައްސަލަތައް އުފެދި، ޖިނާއީ ކުށްތަކަށް އަރައިގަނެ، މީހުންގެ ލޭ ހުއްދަކޮށް، ނިރުބަވެރި އަމަލުތައް ހިންގަމުންދާއިރުވެސް އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލިސް އެކުލަވާ ނުލާ ކަމަށާއި އެ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާ ކަމަށެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އެކުލަވާނުލާތީ އެކަމާމެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ސަރުކާރުން ދަނީ ފަތުވާދޭ މަޖިލީހުގެ މަސްއޫލިއްޔަތުތަކަށް ބަދަލު ގެނެސް ފިގުހު އެކަޑަމީ އުފެއްދުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ދީނީ މައްސަލަތަކުގައި ހާއްސަކޮށް ހިލާފު އުފެދޭ މައްސަލަތަކުގައި ފަތުވާ ނެރުމުގެ ޒިންމާ ހަވާލުކޮށް އެންމެ ފުރަތަމަ ފަތުވާ މަޖިލީހެއް އެކުލަވާލީ 2015 ވަނަ އަހަރުއެވެ.
ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފަތުވާ މަޖިލީހަށް އައު މެމްބަރުން އައްޔަންކޮށްފައެއް ނުވެއެވެ.