މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ތައިލޭންޑްގައި ހުންނަ ކިންގް މޮންގްކުޓް ޔުނިވަރސިޓީ އޮޕް ޓެކްނޮލޮޖީ ތޮމްބްރީ (ކޭއެމްޔޫޓީ)ގައި ކިޔަވައިދޭ މާސްޓަރ ޑިގްރީ އަދި ޕީ.އެޗް.ޑީ ޕްރޮގްރާމަށް ޕާޝަލް ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓރީން ބުނީ، މިއީ އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް 2022ގެ ދަށުން ދޭ ސްކޮލަޝިޕްތަކެއް ކަމަށެވެ.

މާސްޓަރސް ޑިގްރީ ސްކޮލަޝިޕަށް ހުށަހަޅާ ފަރާތްތަކުން، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި ކޯހާއި ގުޅޭގޮތުން ކޭއެމްޔޫޓީ ޔުނިވަރސިޓީގެ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވާން ޖެހޭނެ ކަމަށް މިނިސްޓރީން ބުނެއެވެ.

މީގެއިތުރުން، ޕީ.އެޗް.ޑީ ސްކޮލަޝިޕަށް ހުށަހަޅާ ފަރާތްތަކުން، ހުށަހަޅުއްވާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން އަދި ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވާން ޖެހޭ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހޮވޭ ކެންޑިޑޭޓުންގެ ޓިއުޝަން ފީ، ހަމަޖެހިފައިވަނީ، ކޭއެމްޔޫޓީ، އިންޓަނެޝެނަލް ސްކޮލަޝިޕް ޕްރޮގްރާމް (ކޭއެސްއައިޕީ) އަދި ޕެޗާރާ ޕްރާ ޖޮމް ކްލާއޯ ސްކޮލަޝިޕްގެ ތެރެއިންނެވެ.

މި ސްކޮލަރޝިޕްގެ ދަށުން މާސްޓަރ ޑިގްރީ ކިޔެވުމަށް ހޮވޭ ކެންޑިޑޭޓަށް މަހަކު 300 އެމެރިކާ ޑޮލަރު، ޕީ.އެޗް.ޑީ ކިޔެވުމަށް ހޮވޭ ކެންޑިޑޭޓަށް މަހަކު 570 އެމެރިކާ ޑޮލަރުގެ ރޭޓުން ސްޓައިޕެންޑް އަދި ކޯހުގައ ކިޔެވުމަށް ދިއުމަށާއި އައުމަށް އެއަރ ޓިކެޓް ކޯސް އިންތިޒާމު ކުރައްވާ ފަރާތުން ހަމަޖައްސާދެވޭނެއެވެ.

ނަމަވެސް، ވިސާ ހޯދުމާއި ވިސާގެ ޙަރަދުތައްފަދަ އެހެން ޚަރަދުތައް ހަމަޖައްސަންޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށެވެ.

ހަޔާ އެޑުކޭޝަނުން ބުނީ، މި ސްކޮލަރޝިޕަށް ހޮވޭ ހުރިހާ ދަރިވަރުންގެ ނޮމިނޭޝަން ހަޔާ އެޑިކޭޝަނުން ހެދިކަމުގައި ވިޔަސް ފައިނަލް ސިލެކްޝަން ހަދާނީ ކޯސްދޭ ޔުނިވާސިޓީން ކަމަށެވެ.

އެހެންކަމުން މި ސްކޮލަޝިޕަށް ފޯމް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން، އަންނަމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 13:30 ކުރިން މައި އެޑިއުކޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މި ސްކޮލަޝިޕާ ބެހޭ އިތުރު މައުލޫމާތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.