ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގެ އޯޑިއޯ އާންމުވުމާއި ގުޅިގެން އެ އޯޑިއޯއާ ހަވާލާދީ ބައެއް ނޫސްތަކުން ލިޔެފައިވާ ޚަބަރުތައް ނެގުމަށް މަޖިލީހުން އަންގާފައި ވާތީ އެއީ މޯލްޑިވްސް ޖާނަލިސްޓްް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފިއެވެ.

އެ ޚަބަރުތައް ލިޔުން ނޫސްތަކުން އެމްޖޭއޭއަށް މައޫލޫމާތު ދީފައިވާ ގޮތުގައި އެ އޯޑިއޯ 50 ވަރަކަށް މިނެޓަށް ލައިވްކުރިއިރު، އެއަށް ހަވާލާދީ ހަބަރުތަށް ޝާއިއު ކުރުމުގެ ކުރިން އެ އޯޑިއޯގެ މައްޗަށް ހަބަރު ނުލިޔުމަށް އިރުޝާދެއް ދީފައެއްނުވެއެވެ.

އެމްޖޭއޭއިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން، ސިއްރު ކޮމިޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުތަށް ހާމަ ނުކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެހެން ކަން އޮތްއިރު، ނޫސްތަކުގައި ޖެހި ޚަބަރުތައް ނެގުމަށް މަޖްލީހުގެ އިދާރާއިން ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް އެ ޖަމިއްޔާއިން ގަބޫލެއް ނުކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެމްޖޭއޭއިން ބުނީ، އޭގެ ބަދަލުގައި ނޫހެއްގެ ކޮންޓެންޓާ މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތް ނަމަ އެކަމެއް މީޑީއާ ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިޔުމަކީ އެ ޖަމިއްޖާ ގަބޫލުކުރާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ސިއްރުކޮށްފައިވަނިކޮށް، އެ ކޮމިޓީގެ ޚަބަރު ބައެއް މީޑިއާއިން ރިޕޯޓްކޮށްފައިވާތީ އެ ޚަބަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އަންގާފައެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ، ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ސިއްރުކޮށްފައިވަނިކޮށް، އެކޮމިޓީގެ އަޑު ޔޫޓިއުބު ޗެނަލްގައި ލައިވްކުރެވުނީ ދިމާވީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަމަށެވެ. ހޯމް މިނިސްޓަރ އިމްރާން ހާޒިރުކުރި އެކޮމިޓީ ވަގުތުކޮޅަކަށް ލައިވްކުރުމުން ބައެއް މީޑިއާތަކުން ވަނީ ޚަބަރު ޝާއިއުކޮށްފައެވެ.