ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީޤު ކުރެއްވުމާއެކު ގްރީން ޓެކްސް އަލުން ނަގަން ފަށައިފިއެވެ.
ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން މީރާއިން ވަނީ ގްރީން ޓެކްސް ގަވާއިދަށްވެސް އިސްލާހުތަކެއް ގެނެސްފައެވެ.
އެގޮތުން، ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުގެ މަތިން، ގްރީން ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް، މިމަހުގެ 21 ވަނަ ދުވަހުގެ ދަންވަރު 00:00 ގައި ޓޫރިސްޓު ރިޒޯޓް، ގެސްޓްހައުސް އަދި ސަފާރީއެއްގައި ހުރި މީހަކު އެތަނަށް ނުވަތަ އެ އުޅަނދަށް ޗެކިންވީ ވަގުތު ކަމުގައި ބަލާނީ، މިމަހުގެ 21 ވަނަ ދުވަހުގެ ދަންވަރު 00:00 ކަމަށް މީރާއިން ބުނެއެވެ.
އަދި، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުގެ ގޮތުގައި ބޭނުންކުރަންވާނީ މިމަހުގެ 21 ވަނަ ދުވަސް ފެށުމާ ހަމައަށް ބޭނުންކުރަމުން އައި ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް އެ ތަރުތީބުން ކަމުގައިވެސް މީރާއިން ބުނެފައިވެއެވެ.
މީރާއިން ބުނީ، ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ނުވަތަ އުޅަނދެއް ހިންގާ ފަރާތުން އެ ފައިސާ ގްރީން ޓެކްސް ބަޔާނުގައި ހިމަނައިގެން މީރާއަށް ދައްކަންވާނެ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށާއި ގްރީން ޓެކްސް ގަވާއިދަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލްކުރުމަށް މީރާއިން ވަނީ އިލްތިމާސް ކޮއްފައެވެ.
ގްރީން ފަންޑަކީ ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނެގޭ ޓެކުހެކެވެ.
ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރު އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރު ގްރީން ޓެކްސްގެ ނަމުގައި ނަގަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ.
ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.