ރަޝިޔާއަށް ލިބިދީފައި އޮންނަ ވީޓޯގެ ބާރު ނިގުޅައިގަތުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އދއަށް ގޮވާލައްވައިފިއެވެ.

ޒެލެންސްކީ މިކަމަށް ގޮވާލެއްވީ، މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 77 ވަނަ ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ތަގްރީރު ކުރައްވަމުންނެވެ. ޒެލެންސްކީއަކީ، މިފަހަރުގެ އާންމު މަޖިލީހުގެ ޖަލްސާގައި ވީޑިއޯ ލިންކް މެދުވެރިކޮށް ތަގްރީރު ކުރެއްވުމަށް އދއިން ހުއްދަދިން ހަމައެކަނި ލީޑަރެވެ.

ޒެލެންސްކީގެ ތަގްރީރުގައި، ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެގެން އުޅޭ މައްސަލާގައި ރަޝިޔާއަށް އަދަބު ދިނުމަށާއި، އެގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ރަޝިޔާއަށް ލިބިދީފައި އޮންނަ ވީޓޯ ކުރުމުގެ ބާރު ނިގުޅައިގަތުމަށް ޔޫކްރެއިންގެ ރައީސް ގޮވާލައްވާފައި ވެއެވެ.

ޒެލެންސްކީ މިކަމަށް ގޮވާލެއްވިއިރު، ރަޝިޔާ ސިފައިން ޔޫކްރެއިންގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ގަތުލުއާންމުތަކުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީސް މިރޭ ބައްދަލުކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ސަލާމަތީ މަޖިލިސް ބައްދަލުކުރާ މި ވަގުތަކީ، ރަޝިޔާ ރިޒާވް ސިފައިންގެ ތިންލައްކަ މީހުންގެ ފައުޖެއް ޔޫކްރެއިނަށް ފޮނުވަން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އަމުރު ކުރެއްވުމާއި، ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ކުރައްވާނޭ ކަމަށް ޕޫޓިން އިންޒާރުވެސް ކުރައްވާފައިވާ ވަގުތެކެވެ.

"ޔޫކްރެއިނާ ދެކޮޅަށް ބޮޑު ޖަރީމާއެއް ހިންގައިފި. އަޅުގަނޑުމެން ބޭނުންވަނީ އަދުލުވެރި އިންސާފެއް"
ވޮލޮޑިމީރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސްގެ ތަގްރީރުގައި، ރަޝިޔާއަށް އަދަބު ދިނުމަށް އދގެ ޚާއްސަ ޓްރައިބިއުނަލްއެއް އެކުލަވާލުމަށާއި، އަދުލުވެރި އަދަބެއް ދިނުމަށް ގޮވާލައްވާފައި ވެއެވެ. ހަމަ އެއާއެކު، ސަލާމަތީ މަޖިލީހުގައި ރަޝިޔާއަށް އޮންނަ ވީޓޯގެ ބާރު ނިގުޅައިގަތުމަށްވެސް ޒެލެންސްކީ ގޮވާލައްވާފައި ވެއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ދާއިމީ މެމްބަރުންގެ ގޮތުގައި އަދި ވީޓޯގެ ބާރު ލިބިފައިވާ 5 ގައުމަކީ، އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް، ޗައިނާގެ އިތުރުން ރަޝިޔާއެވެ.

އެހެންކަމުން، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުން ރަޝިޔާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުގެ މާނަހުރި ފިޔަވަޅެއް އެޅުމަށް ސަލާމަތީ މަޖިލިސްވަނީ ނުކުޅެދިފައެވެ. އެއީ، ރަޝިޔާއިން ވީޓޯގެ ބާރުގެ ބޭނުންކުރާތީއެވެ.

ސަލާމަތީ މަޖިލީހުގެ މިރޭގެ ބައްދަލުވުމަކީ، މިއަހަރު ފެށުނުފަހުން ޔޫކްރެއިން މައްސަލާގައި ސަލާމަތީ މަޖިލިސް ބައްދަލުކުރާ 20 ވަނަ ފަހަރެވެ.

މިރޭގެ ބައްދަލުވުމުގައި، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއި، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ ކާރިމް ޚާމް، ޔޫކްރެއިންގައި ރަޝިޔާއިން ހިންގާފައިވާ ޖަރީމާތަކުގެ މައުލޫމާތު ސަލާމަތީ މަޖިލީހުގައި ހިމެނޭ މެމްބަރު 15 ގައުމުގެ މަންދޫބުންނާ ހިއްސާ ކުރައްވާނެއެވެ.

މެމްބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ހޫނު ސުވާލުތަކާ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފްއާ ކުރިމަތިވެވަޑައި ގަންނަވާނެއެވެ.

ޔޫކްރެއިން، އެމެރިކާ އަދި ހުޅަނގުގެ އެހެން ގައުމުތަކުންވެސް ބުނަމުންގެންދަނީ، ރަޝިޔާއިން ޔޫކްރެއިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށެވެ. އެކަމަކު، ރަޝިޔާއިން ބުނަމުން ގެންދަނީ އާންމުންނަށް ހަމަލާތައް އަމާޒު ނުކުރާ ކަމަށެވެ.