2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް ކުޅުމުގެ ފުރުސަތު ރަޝިއާ އަށް ނުދޭނެކަމަށް ޔޫރަޕު ފުޓުބޯޅައިގެ ބެލެނިވެރި ޖަމިއްޔާ ޔޫއެފާ އިން ކަށަވަރުކޮށްދީފިއެވެ.
މިކަން ހާމަކޮށް ޔޫއެފާގެ ރައީސް އެލެކްސަންޑްރާ ޗެފެރިން ވިދާޅުވީ، ޔޫކްރެއިން އަށް އަރައިގަނެ ރަޝިއާގެ އަސްކަރީ ބާރުތަކުން ހިންގަމުންދާ ކަންތައްތަކާއި ގުޅިގެން ރަޝިއާގެ ފުޓުބޯޅަ ކުލަބުތަކާއި ގައުމީ ޓީމު ސަސްޕެންޑު ކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށްވުމުނ، މިހާތަނަށް އައިއިރު އެ ސަސްޕެންޝަން އުވާލާފައި ނުވާތީ، ޔޫރޯގެ ކޮލިފިކޭޝަން މެޗުތަކުގައި ރަޝިއާ އަށް ފުރުސަތު ނޯންނާނެ ކަމަށެވެ.
އަދި އުންމީދު ކުރަނީ ރަޝިއާގެ ސަބަބުން ފެށިފައިވާ ހަނގުރާމަ ވީ އެންމެ އަވަހަކަށް ހުށްޓާލުން ކަމަށާއި، އެކަން އެގޮތަށް އޮތްހާ ހިނދަކު ރަޝިއާއަށް ޔޫރަޕު ފުޓުބޯޅައިގައި ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ރަޝިއާގެ ޓީމުތައް އަލުން ފުޓުބޯޅައިގެ ތެރޭގައި ބައިވެރިވާނެ ދުވަހެއް ދެކެން ބޭނުންވާކަމަށްވެސް ޗެފެރިން ވިދާޅުވިއެވެ. އަދި މި ސަސްޕެންޝަން އުވާލުމާއި ހަމައަށް، ކޮންމެ މުބާރާތަކަށް ވަކިން ގަވައިދު ނުނެރުނު ނަމަވެސް، ރަޝިއާ އަށް ފުރުސަތު ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިއާ އިން ޔޫކްރެއިން އަށް އަރައިގަނެ، އެގައުމަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާނުލުމުގެ ސަބަބުން ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިންނާއި ޔޫއެފާ އިންވެސް ވަނީ މީގެކުރިން ރަޝިއާ އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މި ދެ ޖަމިއްޔާއިން މިއަހަރުގެ ފެބްރުއަރީ މަހު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފުޓުބޯޅައިގެ އެންމެހާ ހަރަކާތްތަކުން ރަޝިއާ ސަސްޕެންޑްކުރުން ހިމެނެއެވެ. އަދި މިއަހަރު ފަހުކޮޅު އޮތް ވޯލްޑް ކަޕުންވެސް ރަޝިއާ އަށް ފުރުސަތު ނުދީ، ކޮލިފިކޭޝަން މެޗުތަކުގައިވެސް ރަޝިއާ ބައިވެރިނުކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ.
ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ރަޝިއާ ސަސްޕެންޑު ކޮށްފައި ވަނިކޮށް ރަޝިއާ އިންވަނީ 2028 ވަނަ އަހަރުގެ ޔޫރޯ ހޯސްޓުކުރުމަށްވެސް ބިޑުކޮށްފައެވެ. ޔޫއެފާ އިން އެންމެފުރަތަމަ ރަޝިއާއިން ޔުރޯ ހޯސްޓު ކުރުމަށް ހުށަހެޅި ބިޑު ބަލައިގަތް ނަމަވެސް، ފަހުންވަނީ އެފުރުސަތު ރަޝިއާ އަށް ނުދޭން ނިންމާފައެވެ. ރަޝިއާ އިންވަނީ ފީފާ އާއި ޔޫއެފާ އާއި ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަންގައި މައްސަލަވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް އެ ކޯޓުން ވަނީ މި މައްސަލަ ނުބަލަން ނިންމާ ބޭރުކޮށްލާފައެވެ.