ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިޔާ ޝެއިޚް ފަޟްލޫން މުހައްމަދު ކްރިމިނަލް ކޯޓުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހެނދުނު 6:30 ގައި އެހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެހަރަކާތް ހުއްޓުވާފައިވަނީ އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުންވެސް ތިއްބައެވެ.

މަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ޝަރުތުތަކަކާއެކު ޝެއިޚް ފަޟްލޫން ބަންދުން ދޫކޮށްލާފައިވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.

އެމައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ކްރިމިނަލް ކޯޓުން ޝެއިޚް ފަޟްލޫން ދޫކޮށްލިއިރު، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކާއި އޭގެ ނިސްބަތަށް ބަދަލެއް އައިސްފައި ނެތް ނަމަވެސް އޭނާގެ ބަންދަށް ލުއި ދޭން ނިންމި ސަބަބެއް އެނގެން ނެތް ކަމަށް ނިންމާފައެވެ.

އެހެންކަމުން ހައި ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން ކްރިމިނަލް ކޯޓުގެ ނިންމުން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް އޭނާ އަލުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޝެއިޚް ފަޟްލޫން އަލުން ބަންދުކުރަން ދައުލަތުން ދަށު ކޯޓަށް ހުށަހަޅައިފިނަމަ އެހުކުމުގެ އުސޫލުތަކަށް ރިއާޔަތްކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ހައި ކޯޓުން ވަނީ އަންގާފައެވެ.

އެދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން އޭރު ޖުމްލަ 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން ގިނަ މީހުން މިހާރު ވަނީ ބަންދުން ދޫކޮށްފައެވެ.